އެއީ 2008ގެ ހޫނު މޫސުމުގެ ދުވަހެކެވެ. އިންޑިއާގެ ލަކްނޫގެ އަމްރޯހާ ޑިސްޓްރިކްޓްގެ ބަވަންކެރީ އަވަށުގެ ގެއެއްގެ ތެރެއިން އަންހެނެއްގެ ވޭނާއި ކެކުޅުންހުރި ހަޅޭކުގެ އަޑު މުޅި ހިސާބުގަނޑުގައި ގުގުމާލި އެވެ. އެހީތެރިކަމަށް އެދި އެ އަންހެން މީހާ ރޮމުން ހަޅޭއްލަވަމުން އާދޭސްކުރަމުން ދިޔަ އެވެ.
އެއީ އެހިސާބުގައި ދިރިއުޅޭ ޝައުކަތު އަލީ ކިޔާ މީހެއްގެ އަންހެން ދަރިފުޅު ޝަބްނަމް އެވެ. އޭނާ އެހީތެރިކަމަށް އެދި ރޮމުން ރޮމުން އެހިސާބުގަނޑުގައި ހުރި އެކި ގޭގެއަށް ވަކި ވަކިން ދިޔަ އެވެ. އޭރު ޝަބްނަމްގެ އާއިލާގެ އެންމެން ތިބީ މަރުވެފަ އެވެ.
ޝަބްނަމްގެ އާދޭހާއި ރުއިމުގެ އަޑަށް އޭނާގެ އެހީތެރިކަމަށް ދުވެފައި ނުކުތް އެންމެން އެގެއަށް ގޮސް ވަނުމާއެކު ފެނުނީ ބިރުވެރި މަންޒަރެކެވެ. ގޭތެރޭގައި ބޮޑު ގަތުލުއާއްމެއް ހިންގާފައިވާ ތަން ފެނުމުންނެވެ.
ނުވަ އޭކަރުގެ ބިމުގައި އަޅާފައި ހުރި އެގޭގައި އެއް އާއިލާއެއްގެ އަށް މީހުން ދިރިއުޅުނެވެ. އޭގެ ތެރެއިން ހަތް މީހުން ތިބީ އަނިޔާވެރި ގޮތަކަށް މަރާލާފަ އެވެ. މަރާލާފައިވާ މީހުންގެ ތެރޭގައި 10 މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެ އެވެ. މިއީ އިންޑިއާގެ އެންމެން ކަހަލަ ގޮތަކަށް ބިރުން ފިތްކަނޑައިގެން ދިޔަ ހާދިސާ އެކެވެ.
މި ގަތުލުއާއްމު ތަހުގީގުކުރި ފުލުހުންނަށް އަދި މާބޮޑެތި ޝޮކްތައް ލިބޭ ކަހަލަ ކަންތައްތައް ހާމަވި އެވެ. މި އެންމެން މަރާފައިވަނީ އެހީއަށް އެދި ރޮމުން ދުވި ޒުވާން އަންހެން މީހާ ޝަބްނަމް ކަން އެނގުމުންނެވެ. މިކަން ރާވާފައިވަނީ ޝަބްނަމް އާއި އޭނާގެ ލޯބިވެރިޔާ ސަލީމް އެވެ. ވިހީގެ އަހަރުތައް ގުނަމުންދާ މި ދެ ޒުވާނުން ކައިވެނިކުރަން އާއިލާއިން ނުރުހުނީމަ އެވެ.
ތުއްތު ކުއްޖާއާއެކު އާއިލާގެ ހަތް މީހުން މަރާފައިވަނީ ޝަބްނަމް އާއި ސަލީމްއާ ދެމީހުން ވެގެންނެވެ. އެމީހުންގެ ލޯތްބަށް ހުރަސްއަޅާނެ އިތުރު މީހަކު ދެން ނުހުންނާނެކަން ޔަގީންކުރުމަށެވެ.
މަރުވި މީހުންގެ ތެރޭގައި ޝަބްނަމްގެ މަންމަ އާއި ބައްޕަ، ބޭބެ އާއި ބޭބެ އަންހެނުން، ފިރިހެން ކޮއްކޮ އަކާއި، ދެބެންގެ ދެ ދަރި ދެ ކުދިން އަދި ޝަބްނަމްގެ ބޭބެގެ ކުޑަ ދަރިފުޅު ހިމެނެ އެވެ.
ޝަބްނަމް އަކީ ސައިފީ މަޒްހަބުގެ މުސްލިމެކެވެ. އޭނާ އެންމެ ކުރިން ބުނަމުން އައީ އެ ގެއަށް ބަޔަކު ހަމަލަދީ އެންމެން މަރާލީ ކަމަށެވެ. ނަމަވެސް އެންމެން މަރުވިއިރު އޭނާ ސަލާމަތްވީ ކިހިނެއްކަން އޭނާއަކަށް ފުލުހުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކިޔައެއް ނުދެވުނެވެ. އަދި އެންމެފަހުން ފުލުހުންގެ ސުވާލުކުރުން ހަރުކަށިކުރުމުން ކެތްނުވެގެން ތެދަށް ބުނީ އެވެ.
ޝަބްނަމް އޭނާގެ އާއިލާގެ އެންމެން މަރާފައިވަނީ ހޭނެތޭ ކަހަލަ ބޭހެއް ކިރުއެއްޗަކަށް އަޅައި އެ ކިރު އެންމެންނަށް ބޯންދީ ހޭނައްތާލައިގެންނެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މި މީހުންގެ ތެރެއިން ގިނަ މީހުންގެ ބޯ ވަނީ ކޯރާޑިން ޖެހި ޖެހީނުން ކަނދުރާއާ ވަކިވެފަ އެވެ.
ޝަބްނަމްގެ އާއިލާ އަކީ މުއްސަނދި އާއިލާ އެކެވެ. އެމީހުންގެ ގެއަކީ މުޅި އެ ސަރަހައްދުގައި ވެސް ނެތްވަރުގެ ފެންވަރަށް ހަދާފައި ހުރި ބޮޑު ގެއެކެވެ. އާއިލާގެ އެންމެން މަރުވުމުން އެމީހުން ދިރިއުޅުނު ގެއާއި ހުރިނަމަ ހުރި މުދަލެއްގެ ވާރިސަކަށް ވާނީ ހަމައެކަނި ޝަބްނަމް އެވެ.
މި ގަތުލުއާއްމަށް ފަސް ދުވަސް ފަހުން ލަކްނޫ ފުލުހުން ވަނީ ޝަބްނަމް އާއި ސަލީމް ހައްޔަރުކޮށްފަ އެވެ. އޭރު ޝަބްނަމް ބަލިވެ އިނދެ ބަނޑަށް ހަތް ހަފުތާ ފުރިފައި ވެއެވެ. އަދި 2008 ވަނަ އަހަރު ނުނިމެނީސް ޝަބްނަމް ޖަލުގައި ހުރެ ފިރިހެން ކުއްޖަކު ވިހާފައި ވެއެވެ.
ޝަބްނަމް އަކީ އިނގިރޭސި އާއި ޖިއޮގްރަފީން ޑިގްރީ ހާސިލުކޮށް، ސަރުކާރު ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭނާގެ ލޯބިވެރިޔާ ސަލީމް އަކީ ހަތަރުވަނަ ކްލާހުން ފޭލްވެގެން ކަނޑާލި ގޮތަށް ނުކިޔަވައި ބޮޑުވެފައި ހުރި މީހެކެވެ. ސަލީމް މަސައްކަތްކުރަނީ ލަކުޑި ކީހާ ތަނެއްގަ އެވެ. މި ތަން ހުންނަނީ ޝަބްނަމްގެ ގޭގެ ކުރިމަތިންނެވެ.
ސަލީމްގެ ފަގީރުކަމާއި ވިޔާނުދާކަމުން އަދި ނުކިޔަވާ ހުރުމުން އޭނާއާ ޝަބްނަމް ކައިވެނިކޮށްދޭން އާއިލާއިން ދެކޮޅު ހެދީ އެވެ.
އެންމެ މަޖާ ކަމަކީ ޝަރީއަތުގައި ޝަބްނަމް އާއި ސަލީމް އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސް ދީފައި ވުމެވެ. ޝަބްނަމް ބުނަނީ ގޭގެ ފުރާޅުމަތިން އަރައިގެން ސަލީމް އެ ގެއަށް ވަޅިއެއް ހިފައިގެން ވަދެ އެންމެން ގަތުލުކުރީ ކަމަށެވެ. ޝަބްނަމް އޮތީ އޭރު ނިދާފައި ކަމަށެވެ.
ސަލީމް ބުނަނީ އޭނާ ޝަބްނަމްގެ ގެއަށް ދިޔައީ ޝަބްނަމް އެދިގެން ކަމަށާއި އޭރު ޝަބްނަމް ވަނީ ހުރިހާ މީހުން މަރާފައި ކަމަށެވެ.
މި މައްސަލަ އަމްރޯހާ ކޯޓުން 2010ގައި ނިންމައި ޝަބްނަމް އާއި ސަލީމް މަރަން ހުކުމް ކޮށްފައި ވެއެވެ. މި މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިމުނީ މި ދެ މީހުންނާ ދެކޮޅަށެވެ.
މިހާރު 37 އަހަރު ފުރިފައިވާ ޝަބްނަމް އާއި 35 އަހަރުގެ ސަލީމްއާ ދެމީހުން ތިބީ މަރުގެ އަދަބު ދޭން ޖެހޭ މީހުންގެ ލިސްޓުގައި ހިމަނައި އެ އަދަބު ތަންފީޒުކުރާނެ ދުވަހެއް ނޭނގޭތީ ބިރުން ސިހިސިހި އެވެ.
ޝަބްނަމް ވަނީ އޭނާ ޖަލުގައި ހުރެ ވިހޭ ދަރިފުޅުގެ ހައްގުގައި އޭނާގެ މަރުގެ އަދަބު ލުއިކޮށްދިނުމަށް އިންޑިއާގެ ރައީސް އަށާއި ކަމާބެހޭ އެހެން ފަރާތްތަކުގައި އެދިފަ އެވެ. ނަމަވެސް އޭނާގެ މަރުގެ އަދަބު ލުއިކޮށްދޭން އެއްވެސް އިދާރާއަކުން އަދި އިންޑިއާގެ ރައީސް ވެސް އެއްބަސްވެ ވަޑައިގެންފައެއް ނުވެ އެވެ. ޝަބްނަމްގެ ދަރިފުޅު އެޑޮޕްޓްކޮށްގެން ގެންގުޅެނީ އޭނާ ކޮލެޖުގައި ކިޔެވި ދުވަސްވަރުގެ އެކުވެރިއެއް ކަމަށްވާ އުސްމާން ސައިފީ އެވެ.
އިންޑިއާގައި މަރުގެ އަދަބު ދެނީ ދަން ޖައްސައިގެންނެވެ. ޝަބްނަމްގެ މަރުގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން އޭނާ ދަންޖައްސައިފިނަމަ އޭނާ ވެގެން ދަނީ އިންޑިއާ މިނިވަންވީ ފަހުން މަރުގެ އަދަބުދޭ ފުރަތަމަ އަންހެން މީހާ އަށެވެ.