އެމްޓީސީސީ

މިނީ ބަހުގައި މިހާރު ދަތުރުކުރަނީ ދުވާލަކު 5000 މީހުން

ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމު -- އާރުޓީއެލްގެ މިނީ ބަހުގެ ހިދުމަތް މިހާރު ދުވާލަކު ބޭނުންކުރަނީ 5000 އެއްހާ މީހުން ކަމަށް އެމްޓީސީސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްޓީސީސީ އިން އަވަސްއާ ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓިކެޓް ނަގައިގެން ބަސް ދަތުރުތައް ކުރަން ފެށީއްސުރެ މާލެއިން އެކަނި ވެސް ދުވާލަކު 4500 މީހުން އެވްރެޖު ގޮތެއްގައި ދަތުރުކޮށްފައިވެ އެވެ.

މިގޮތުން އޮކްޓޯބަރު މަހުގެ ޖުމްލަ އަދަދަށް ބަލާނަމަ 153،682 މީހުން މިނީ ބަހުގެ ހިދުމަތް ހޯދާފައިވެ އެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 87،030 މީހުން ވަނީ މާލެ ސަރަހައްދުން އެކަނި ވެސް މިނީ ބަހުގައި ދަތުރުކޮށްފަ އެވެ.

އަގު ނަގަން ފެށުމުގެ ކުރިން ދުވާލަކު އެވަރޭޖްކޮށް 10،000 މީހުން މިނީ ބަހުން ދަތުރުކޮށްފައިވާ ކަންވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 45 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މިނީ ބަހުގައި ދަތުރުކުރުމަށްޓަކައި ހަތް ރުފިޔާގެ ޓިކެޓެއް ނަގަން ޖެހެ އެވެ. އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ސީދާ ހަތް ރުފިޔާ ދީގެން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެ އެވެ. ނަމަވެސް، ފައިސާ މާރު ނުކުރެވުމާއި، ބަސްތަކުގައި ކޭޝް ކާޑު އަދި ބަސް ކާޑު ބޭނުން ނުކުރެވުމަކީ މިނީ ބަހުގައި ދަތުރުކުރާ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

"އިތުރު ފަސޭހަތަކަކާއި އެކު މިނީ ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. ލަފާކުރެވެނީ ޑިސެމްބަރު މަހުގެ ތެރޭގައި މިފަސޭހަތައް ތައާރަފްކުރެވޭނެ ކަމަށް،" އަވަސްއަށް މައުލޫމާތު ދެއްމުން އެމްޓީސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މީގެ އިތުރުން މިނީ ބަހުގެ ހިދުމަތާއިއެކު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެގެން ދިޔަ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އާންމުންގެ ބޮޑު ތަރުހީބެއް މި ހިދުމަތައް ލިބެންމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި އިސް ރަށްވެހިންނަށް މާލެ ތެރޭގައި ދަތުރުކުރުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަކަން ފާހަގަކުރެވޭ. އަދި ސްކޫލު ކުދިންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވިއްޖެ ކަމުގަ ގަބޫލުކުރަން،" އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީ އިން ވަނީ މާލޭގައި ދަތުރުކުރުމަށް އިލެކްޓްރިކް ބަސްތަކެއް ވެސް ގެނެސްފަ އެވެ. އަދި ވަރަށް އަވަހަށް އެ ބަސްތައް ވެސް ބޭނުންކުރަންފަށާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.