އިންޑިއާ ސަރުކާރުން ރާއްޖެއަށް ހެލިކަޕްޓަރަކާއި ފިކްސްޓް ވިންގް އެއާކްރާފްޓެއް ހަދިޔާ ކުރަން ވައުދުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުުގެ ތެރޭގައި މިނިސްޓަރު، އެ މަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ ހެލިކަޕްޓަރާއި އެއާކްރާފްޓެއް ރާއްޖެއަށް ހަދިޔާ ކުރަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު މަނޯހަރު މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަަމަށެވެ.
ޑިފެންސް މިނިސްޓަރު އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އިސްފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯރޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަބްދުލް މަތީން ބައިވެރިވެލައްވައެވެ.
އަސްކަރިއްޔާއަށް އަސްކަރީ މަތިންދާ ބޯޓްތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ އަސްކަރީ މަތިންދާ ބޯޓް ގެންނާނެ ކަމަށް ޑިފެންސް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައެވެ.