އާދަމް ޝަރީފު އުމަރު

ސިޔާދަތީ ބާރު ގެއްލިފައިވާ މިންވަރު ހާމަވެއްޖެ

ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވާ މިންވަރު ހާމަވެފައިވާ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އާދަމް ޝަރީފް މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ މާލޭގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވަން ފުލުހުންނަށް އިރުޝާދު ދިނުމަށް ބިދޭސީއަކު ފުލުސް ވެހިކަލްގައި އިން މަންޒަރު ފެންނަ ފޮޓޯތަކާއެކު އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވާ ދިވެހިން ހައްޔަރުކުރާ ދިވެހި ފުލުހުންގެ ހިދުމަތުގެ ޓީމުތަކުގައި ބޭރު މީހުން ބޭނުން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ބޭރުގެ ނުފޫޒު ވަރަށް ބޮޑު،" ކަންބޮޑުވުން ފާޅުކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

ނޫސްތަކުގައި އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލްގައި އިނދެގެން ބިދޭސީ މީހާ ދިޔައީ ފުލުހުން އަމަލު ކުރަންވީ ގޮތް ބުނެދެމުންނެވެ. އަދި އެއީ އިންޑިއާ މީހެއް ކަމަށް ބައެއް ނޫސްތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ނޫސްތަކުގައި ބިދޭސީ މީހާގެ ފޮޓޯ އާންމުކުރުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އެ ބިދޭސީ މީހާގެ ފޮޓޯ ވައިރަލްކޮށް ވަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔާފަ އެވެ. އަދި އެމީހާ އަކީ އިންޑިއާ މީހެއް ކަމަށް ތުހުމަތުކޮށް ބައެއް އާންމުން ވަނީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަދެފައި އޮތް މިންވަރު ބިދޭސީ މީހާގެ އަމަލުތައް ހުރި ގޮތުން އެކަނިވެސް ހާމަވާ ކަމަށް ބުނެފަ އެވެ.

ބިދޭސީ މީހާގެ އަމަލުތަކާ މެދު ކަންބޮޑުވި ބައެއް މީހުން ވަނީ އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްދިނުމަށް ފުލުހުންނަށް ގޮވާލާފަ އެވެ. އެކަމަކު އެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ބިދޭސީ މީހާ އަކީ ފުލުހުންގެ އިދާރާގައި ސިއްހީ ހިދުމަތް ދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި ބިދޭސީ މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާ އެކުގައި ކަމަށްވެސް ބުނެފައިވެ އެވެ. އެކަމަކު ފުލުހުންގެ މެސެޖުގައި ވެސް ބިދޭސީ މީހާ ނިސްބަތްވާ ގައުމު ބުނެފައެއް ނުވެ އެވެ.

"ބައެއް ނޫސްތަކުން މިމުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާ ކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ލިބިފައިވެ،" ފުލުހުންގެ މެސެޖުގައިވެ އެވެ.