މިއުވާން މުހައްމަދު

ހިޔާ ޓަވަރުތަކަކީ ރަނގަޅު ޕްލޭނަކަށް ހަދާފައި ހުރި ތަނެއް ނޫން: މިއުވާން

ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުތައް ހަދާފައިވަނީ އެކަށީގެންވާ މިންވަރަށް ޕްލޭން ކޮށްގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މިއުވާން ވިދާޅުވީ ކުރީގެ ސަރުކާރުން ހިޔާ ޓަވަރުތައް އިމާރާތް ކޮށްފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ފޯރުކޮށްދިނުމަށް ޕްލޭން ނުކޮށްކަން މިހާރު ފާހަގަކުރެވޭ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުން ބޮޑު އާބާދީއެއް ދިރިއުޅެން ހިޔާ ފްލެޓްތައް ބިނާ ކުރި އިރު، އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްފައެއް ނެތް،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ ކްލިނިކްތަކެއް ހުޅުވުމުގެ މަސައްކަތް މިސަރުކާރުން ފަށައި ބައެއް ކްލިނިކްތައް މިހާރު ހުޅުވާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަ ޔޫތް ސެންޓަރެއް ވެސް މިހާރު ގާއިމުކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން އެއްތަންވެ ހިތްހަމަޖައްސާލާނެ މާހައުލެއް ބިނާ ކުރުމުގެ ގޮތުން ހިޔާ ސަރަހައްދުގައި އެލްޑާލީ ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވެސް މިސަރުކާރުން އަޅަމުންދާ ކަމަށެވެ. މިގޮތުން ކަރަންޓު ކެނޑި ލިފްޓު ހުއްޓުމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމުގައި ވިދާޅުވި އެވެ. ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އާބާދީއަށް އެކަށީގެންވާ މިންވަރަށް ލިފްޓު އެތަނުގައި ނެތްކަން ވެސް މިއުވާން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެމްޓިސީސީއާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ ބަސްތަކުގެ ރޫޓުތަކާއި ޝެޑިއުލްއަތް ބަދަލުކޮށް ސުކޫލު ކުދިންނަށް ފަސޭހަވާނެހެން ބަސް ދަތުރުތައް ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިދިޔަ އާދީއްތަ ދުވަހު ދެވަނަ ފިޔަވައްސަށް ޒިޔާރަތް ކުރައްވާ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ ގޮތުން މަޝްވަރާތަކެއް ކުރައްވާފަ އެވެ.