ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑާ ދެކޮޅަށް އަސްލަމް މަސައްކަތެއް ނުކުރާނެ: ނަޝީދު

އެމަނިކުފާނާއި ދެކޮޅަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އަސްލަމަކީ މިވަގުތު ރާއްޖޭގައި ތިބި ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ހަރުދަނާ އެއް ބޭފުޅާ ކަމަށެވެ.

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި ކުރާ ކޮންމެ ކަމެއްގައި މެންބަރު އަސްލަމް ބައިވެރިކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން އަޅުގަނޑާ އެކުގައި މަސައްކަތް ކުރުމަށް އަސްލަމް ހުންނެވުމަށް،" ނަޝީދު ވިދާޅުވި އެވެ.

އަސްލަމް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ނަޝީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގައި އަސްލަމަކީ ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރެެވެ. ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް މެންބަރުން އިންތިހާބު ކުރިއިރު އަސްލަމް ހުންނެވީ ވެސް ރައީސް ނަޝީދާ އެކު އެވެ. ނަމަވެސް އަސްލަމް މިހާރު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައިގެން އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގަ އެވެ.

އަވަސް އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަސްލަމް ވަނީ ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވާ ގޮތުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ ގަވައިދާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދި އެ މައްސަލަތައް ހައްލުކުރަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އަމަލުތައް އިސްލާހު ނުކޮށްފިނަމަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ރައީސް ނަޝީދު މަގާމުން ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވެގެން ތިއްބެވި ކަމުގެ އިޝާރާތެއް ވެސް އަސްލަމު މިއަދު ދެއްވި އެވެެ. އަދި ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމެންޓްރީ އަގުލަބިއްޔަތުން ނިންމައިފިނަމަ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.