ކުޅިވަރު

ބެލްޖިއަމް ވޯލްޑް ކަޕުން ކަޓައިފި، މޮރޮކޯ އަށް ތާރީހީ ކާމިޔާބެއް

އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި މަޝްހޫރު ބެލްޖިއަމް މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 36 އަހަރަށް ފަހު މޮރޮކޯ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ގްރޫޕް އެފްގައި މިރޭ ބެލްޖިއަމް އާއި ކްރޮއޭޝިއާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މޮރޮކޯ އިން ވަނީ 2-1 އިން ކެނެޑާ ބަލިކޮށްފަ އެވެ.

ގްރޫޕުގެ އެއްވަނަ ހަތް ޕޮއިންޓާ އެކު މޮރޮކޯ ހޯދިއިރު ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ކްރޮއޭޝިއާ އެވެ. ކްރޮއޭޝިއާ ފަސް ޕޮއިންޓް ހޯދިއިރު، ބެލްޖިއަމް ކެޓީ ހަތަރު ޕޮއިންޓް ލިބުމުންނެވެ. މި ގްރޫޕުގެ ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ކެނެޑާ އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ބެލްޖިއަމަށް މޮޅެއް ލިބުނީ ހަމައެކަނި ކެނެޑާ އަތުންނެވެ. އޭގެފަހުން މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި އެވެ. ތިން މެޗުގައި ބެލްޖިއަމަށް ޖެހުނީ އެންމެ ގޯލެވެ.

ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެފްރީ ވަނީ ކްރޮއޭޝިއާ އަށް ޕެނަލްޓީއެއް ދިނުމަށް ފަހު ފަހުން ނިންމުން ބަދަލުކޮށްފަ އެވެ. ރެފްރީގެ ނިންމުން ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ބަދަލުކުރީ ޕެނަލްޓީ ލިބުނު ފުރުސަތުގައި ކްރޮއޭޝިއާގެ ކުޅުންތެރިއަކު އޮފްސައިޑްގައި ހުރުމުންނެވެ.

ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. އެކަމަކު ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ހޯދާފަ އެވެ. މި ހާފުގެ ކުރީކޮޅު ކްރޮއޭޝިއާ އިން އުފެއްދި ގިނަ ހަމަލާތަކެއް ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގެ ފަހުކޮޅު ބެލްޖިއަމްގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެޓީމުގެ ރޮމެލޫ ލުކާކޫ އަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އެއް ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ފަހުކޮޅު ލިބުނު ހުސް ތިން ފުރުސަތު ލުކާކޫ އަށް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ. މުބާރާތާ ލުކާކޫ ކުރިމަތިލީ އަނިޔާއިން ރަނގަޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެއްވެސް މެޗެއްގައި ލުކާކޫ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެއްނުވެ އެވެ.

މޮރޮކޯ ދެވަނަ ބުރުން ފުރުސަތު ހޯދީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްގެންނެވެ. އެޓީމުން ކެނެޑާ އާއި ބެލްޖިއަމް ބަލިކުރިއިރު ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ 0-0 އިން އެއްވަރުކުރި އެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ތާރީހީ ކާމިޔާބީއެއް އެޓީމުން ހޯދީ ވަރުގަދަ ދެ ބާރު ކަމަށްވާ ކްރޮއޭޝިއާ އާއި ބެލްޖިއަމް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

މިރޭގެ މެޗުގައި މޮރޮކޯގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ ހަކީމް ޒިޔެޗް އެވެ. ކެނެޑާގެ ގޯލްކީޕަރު ސާފުކޮށްލި ބޯޅަ ހާފު މެދުން ޒިޔެޗް އަށް ލިބުމުން ގޯލަށް ވައްދާލީ ކީޕަރާއި ޑިފެންޑަރުންގެ ބޯމަތިން ޖަހަ އެވެ. މި ހާފުގެ 23 ވަނަ މިނެޓުގައި އަޝްރަފް ހަކީމީގެ އެހީތެރިކަމާ އެކު މޮރޮކޯގެ ޔޫސުފް އައް ނަސޭރީ ވަނީ ލީޑު ފުޅާކޮށްފަ އެވެ. ނަސޭރީގެ މި ގޯލަކީ ގައުމީ ޖާޒީގައި ޖެހި 16 ވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރޮކޯގެ ނަޔެފް އެގުއާޑް އަތުން ބައިކޮޅަށް ގޯލެއް ވަނުމުން ނަތީޖާގެ ފަރަގު ކުޑަވި އެވެ.

ދެވަނަ ހާފުގައި ކެނެޑާ އިން ވަނީ ކުރިއަށް ޖެހި މޮރޮކޯގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. މި ހާފުގައި ފަހަތުގައި ތިބެގެން މޮރޮކޯ އިން ބޮޑަށް ބެލީ ލީޑުގައި ހިފަހައްޓާށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ ނުކުންނާނީ ސްޕެއިން އާއި ޖަރުމަނު ހިމެނޭ ގްރޫޕުގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. މިހާރު އޮތްގޮތުން މޮރޮކޯ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ ސްޕެއިންއާ އެވެ. ކްރޮއޭޝިއާ ދެވަނަ ބުރުގައި ވާދަކުރާނީ ސްޕެއިން ގްރޫޕުގެ ދެވަނަ ޓީމާ އެވެ.

ވޯލްޑް ކަޕްގައި މިރޭ 12 ޖަހާއިރު ގްރޫޕް އީގެ ދެމެޗު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ޖަރުމަނާއި ކޮސްޓަ ރީކާ ވާދަކުރާ މެޗާއި ސްޕެއިން އާއި ޖަޕާން ވާދަކުރާ މެޗެވެ.