ބޮލީވުޑް

"ޑުންކީ"ގެ ޝޫޓިން ނިންމައި ޝާހް ރުކް އުމްރާ ވެއްޖެ

ސައޫދީ އަރަބިޔާގެ ރަށެއްގައި ކުރިޔަށް ދިޔަ ޝާހް ރުކް ޚާންގެ "ޑުންކީ"ގެ ޝެޑިއުލް ނިންމާލުމަށްފަހު އޭނާ އުމްރާގެ އަޅުކަން ފުރިހަމަ ކުރަން މައްކާގައި ހުންނަ ހަރަމް ފުޅަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވާން ފަށައިފި އެވެ.

މި ފޮޓޯތަކުން ފެންނަނީ އިހްރާމް ހެދުމުގައި ޝާހް ރުކް ހުއްޓަ އެވެ.

ސައޫދީގައި "ޑުންކީ"ގެ ޝޫޓިން ފުރިހަމަ ކުރުމަށްފަހު ޝާހް ރުކް ވަނީ ވީޑިއޯ މެސެޖެއް ޝެއާ ކޮށްފަ އެވެ. މި މެސެޖުގައި ފިލްމުގެ މަސައްކަތް އޮމާންކޮށް ގެންދިއުމަށް އެހީތެރިވެދިން ސައޫދީގެ މިނިސްޓްރީ އޮފް ކަލްޗާގެ ވެރިންނަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި ސައޫދީގައި "ޑުންކީ"ގެ ޝޫޓިން ފުރިހަމަ ކޮށްލެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ސައޫދީގައި ހުރި ރީތި ލޮކޭޝަންތަކުގައި ފިލްމު ޝޫޓްކުރުމުގެ ފުރުސަތު ދިނީތީ ސައޫދީ ސަރުކާރަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"ޑުންކީ" އަކީ "ތުރީ އިޑިއަޓްސް"ފަދަ ރީތި ފިލްމުތައް ޑައިރެކްޓްކުރި ރާޖް ކުމާރު ހިރާނީ އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ޝާހް ރުކް އާއެކު ބަތަލާގެ ބައި ކުޅެނީ ތާޕްސީ ޕަންނޫ އެވެ.

"ޑުންކީ"ގެ އިތުރުން ޝާހް ރުކް މިހާރު މަސައްކަތް ކުރަމުންދާ ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް އާއެކު ކުޅެމުންދާ "ޕަތާން" އާއި ޑައިރެކްޓަރު އަޓްލީގެ "ޖަވާން" ހިމެނެ އެވެ. މި ފިލްމުގައި ޝާހްރުކް އާއެކު ބައިވެރިވަނީ ސައުތު އިންޑިއާގެ މަޝްހޫރު ބަތަލު ވިޖޭ ސެތުޕަތީ އާއި ބަތަލާ ނައިންތާރާ އެވެ.

ޝާހް ރުކްގެ ކުރިން އާމިރު ޚާން ވެސް އޭނާގެ މަންމަ ގޮވައިގެން ހައްޖަށް ގޮސްފައި ވެއެވެ. އަދި އެކްޓަރު އަލީ ފަޒާލް އާއި ބަތަލާ ގޯހަރް ޚާން އަދި ސަނާ ޚާން ވެސް މައްކާއަށް ގޮސް އުމުރާގެ އަޅުކަން ފުރިހަމަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތައް އިންޑިޔާގެ ނޫސްތަކުގައި ޖަހާފައި ވެއެވެ.