ބޮލީވުޑް

ޝާހް ރުކްގެ ޖާދޫގައި ޝެރޯން ސްޓޯން ވެސް ޖެހިއްޖެ

ސައޫދީ އަރަބިޔާގެ ޖިއްދާގައި ދާދިފަހުން އޮތް ރެޑް ސީ ފިލްމު ފެސްޓިވަލްގައި ހޮލީވުޑާއި ބޮލީވުޑްގެ ބައެއް ތަރިން ބައިވެރިވި އެވެ. ބޮލީވުޑުން ބައިވެރިވި ތަރިންގެ ތެރޭގައި ޝާހް ރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާ އަދި ކާޖޮލް ހިމެނެ އެވެ. އަދި ހޮލީވުޑް ތަރިންގެ ތެރެއިން ޝެރޯން ސްޓޯން މި ފެސްޓިވަލްގައި ބައިވެރިވި އެވެ.

ޝާހް ރުކް އާއި ޝެރޯން އިނީ ކުރީ ގޮނޑިބަރީގައި ވަރަށް ކައިރި ކައިރީގަ އެވެ. ދެ މީހުންގެ ދެމެދުގައި އިނީ އެންމެ ދެ ގޮނޑި އެވެ. ނަމަވެސް ޝެރޯން އަކަށް އެތަނުގައި ޝާހް ރުކް އިންކަމެއް ކުރިއަކުން ނޭނގެ އެވެ. އޭނާއަށް ޝާހް ރުކް ފެނުނީ އެއްލި ކަޅިއަކުންނެވެ. ފެނުމާއެކު ޝާހް ރުކްގެ ގިނަ ފޭނުންނަށްވާ ގޮތަށް އޭނާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އަދި މޭގައި ހިފަހައްޓައިގެން ތެދުވެ ހުރެ "އޯ މައި ގޯޑް" އޭ ކިޔާ ހަޅޭއް ލަވަން ފެށީ އެވެ.

މި މަންޒަރު ފެންނަ ވީޑީއޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުން އެބަދެއެވެ.

މިކަން ހިނގައި ދިޔަ ގޮތް ފަހުން ޝެރޯން ކިޔައިދީފައި ވެއެވެ. "ބޭސިކް އިންސްޓިންކްޓް"ގެ ބަތަލާ ބުނި ގޮތުގައި އިވެންޓެއްގައި ޝާހް ރުކް އިށީނދެ އިނީ އޭނާއާ ދެ ސީޓު ދުރުގަ އެވެ. ނަމަވެސް އޭނާއަކަށް ޝާހް ރުކް އެތާ އިން ކަމެއް ނޭނގެ އެވެ. އެހެން އިނދެފައި އެއްލި ކަޅިއަކުން އޭނާއަށް ޝާހް ރުކް ފެނުނީ އެވެ.

"އަހަރެންނަކީ ފިލްމީ ތަރިއަކު ފެނިގެން އެހާ ބޮޑުވާވަރުވާ މީހެއް ނޫން. އަދި އަހަރެންނަށް ވަރަށް ގިނަ ތަރިންނާ ބައްދަލުވެފައި ވެސް އެބަހުރި. އެކަމަކު ޝާހް ރުކް ފެނުނީމަ އެވީގޮތެއް ބުނާކަށް ވެސް ނޭނގުނު. އެންމެ ޗާމިން މީހާ އެއީ،" ސޯޝަލް މީޑީއާގައި ޝެރޯން ކުރި ޕޯސްޓެއްގައި ވެއެވެ.

ރެޑް ސީ ފިލްމު ފެސްޓީވަލްގައި ޝާހް ރުކް އަށް އޮނަރަރީ އެވޯޑެއް ވެސް ދީފައި ވެއެވެ. މިތަނުގައި ޝެރޯންއާ މާ ދުރުނޫން ހިސާބެއްގައި ޕްރިޔަންކާ ވެސް އިނެވެ.

ފަހުން ޝާހް ރުކް ވަނީ ކާޖޮލްއާ އެކު އެ ދެ މީހުން އެކުގައި ކުޅެފައިވާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" ތައާރަފްކޮށްދީފަ އެވެ.

ރެޑް ސީ ފިލްމް ފެސްޓިވަލްގައި ދެއްކި ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނެ އެވެ.