ލައިފްސްޓައިލް

ނުވަ މީހުންނާ ކައިވެނިކުރި ބްރެޒިލް މީހާ ހަތަރު އަނބިން ވަރިކުރަނީ

ބްރެޒީލްގެ ޒުވާން މޮޑެލެއް ދުނިޔެއަށް މަޝްހޫރުވެފައިވަނީ މާގިނަ އަނބިން ގެންގުޅޭ މީހެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ މިދިޔަ އަހަރު އެއްފަހަރާ ނުވަ މީހުންނާ ކައިވެނިކުރި އެވެ.

މި ކައިވެންޏަށް މާ ގިނަ ދުވަސް ނުވަނީސް އެއް އަނބި ވަނީ ހިތްހަމަނުޖެހިގެން ވަރިވެފަ އެވެ. އަދި އިއްޔެ އޭނާގެ ވާހަކަ ދުނިޔޭގެ ނޫސްތަކުގައި ޖަހާފައިވަނީ މިހާރު ތިބި އަށް އަނބިންގެ ތެރެއިން ހަތަރު އަނބި ވަރިވާން އުޅޭ ވާހަކަ ބުނެގެންނެވެ،

އާތާ އޯ.އުރުސޯގެ ވާހަކަ މިދިޔަ އަހަރު އެންމެ ބާރަށް ދެކެވުނީ އެއް އަންބަށް ވުރެ ގިނަ މީހުންނާ ކައިވެނިކުރުން މަނާކުރުމާ ދެކޮޅަށް އިހްތިޖާޖުކޮށް ގިނަ އަދަދެއްގެ މީހުންނާ ކައިވެނި ކުރުމުގެ ސަބަބުންނެވެ.

އުރުސޯ އާއި އޭނާގެ ދޮށީ އަނބި ލުއާނާ ކަޒާކީ އަދި އިތުރު އަށް އަންހެނަކު މިދިޔަ އަހަރު ކައިވެނިކުރީ ސައޮ ޕޯލޯގެ ފައްޅިއެއްގަ އެވެ. މިގޮތަށް އެތައް މީހުންނަކާ އެއްފަހަރާ ކައިވެނިކުރުމަކީ ބްރެޒީލްގަައި މަނާ ކަމަކަށް ވާތީ އެކަމަށް އިހްތިޖާޖްކުރަން އުރުސޯ މި އެންމެންނާ އެއްފަހަރާ ކައިވެނިކުރީ އެވެ.

އުރުސޯ ހީކުރީ ކައިވެންޏަށްފަހު އުފާވެރި ދުވަސްތަކެއް ނުވަ އަނބިންނާއެކު ހޭދަ ކުރެވޭނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ދިމާވީ އޭނާ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ކައިވެންޏަށް ކުޑަ ދުވަސްކޮޅެއް ވީތަނާ އުރުސޯގެ އެއް އަނބި ވަނީ ވަރިވެފަ އެވެ.

މިހާރު ލަފާ ކުރެވެނީ މިހާ ގިނަ މީހުންނާ ކައިވެނިކުރުމުން އުރުސޯ އަށް މައްސަލަތަކެއް ކުރިމަތިވެގެން އުޅޭ ކަމަށެވެ. އޭނާ މިހާރު ބުނަނީ ކުރިން އޭނާގެ ނުވަ އަނބިން ތިބި ކަމަށް ބުންޏަސް މިހާރު ރަސްމީކޮށް ތިބީ ހަތަރު އަނބިން ކަމަށެވެ.

އުރުސޯ ބުނި ގޮތުގައި މިދިޔަ އަހަރު އޭނާ ނުވަ މީހުންނާ އެއްފަހަރާ ކުރި ތާރީޚީ ކައިވެންޏަށް މާގިނަ ދުވަހެއް ނުވެ އެއް އަނބި ވަރިވެގެން ދިޔައީ ކަމަށެވެ. އަދި މިހާރު އޭނާ އިތުރު ހަތަރު އަނބިން ވަރިވާން ނިންމައިފި އެވެ.

ހަތަރު އަނބިން ވަރިވާން ބޭނުން ވުމުން ވަރިކުރަން ނިންމީ އޭނާގެ ރަށުގައި އުޅޭ މީހުން އޭނާގެ އެހާ ގިނަ އަނބިން ތިބީމައާއި އޭނާގެ ގޭގައި އެ އެންމެން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން މައްސަލަތައް ޖައްސައި ބިރުދައްކަން ފެށީމަ ކަމަށެވެ.

"އަހަރެމެން އެންމެން މިހާރު މިތިބީ ވަރަށް ހާސްވެ ބިރުގަނެފައި. އެހެންވެ އެންމެން އެކުގައި އެއް ތަނެއްގައި ތިބެ މިކަން ހައްލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރަން މަޖުބޫރުވީ. ރަށު މީހުން މައްސަލަ ނުޖައްސާނަމަ އަހަރެމެންނަށް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެވުނީސް. ވަރަށް ކުދިކުދި މައްސަލަތައް ފިޔަވައި އަހަރެންގެ އަށް އަނބިންގެ މެދުގައި މާބޮޑު މައްސަލަތަކެއް ވެސް ނުޖެހޭ. އެހެންވެ އަހަރެމެންނަށް އުޅޭކަށް އުނދަގުލެއް ނޫން،" އުރުސޯ ބުންޏެވެ.

އުރުސޯ ބުނީ އާއްމުންކުރާ ޕްރެޝަރުގެ ސަބަބުން އޭނާގެ ކައިވެނީގެ ގުޅުންތަކަށް ބުރޫ އަރަން ފެށީ ކަމަށެވެ. އަދި ބައެއް އަނބިންނާ މައްސަލަ ޖެހެން ފެށުމުން އެމީހުންނާ ވަކިވާން ނިންމީ ކަމަށެވެ. ނަމަވެސް މިވަރަކުން އަދި އުރުސޯ ކައިވެނިކުރުން ހުއްޓާލާކަށް ގަސްތެއް ނުކުރެ އެވެ. މުސްތަގްބަލުގައި އިތުރު އަނބިން ހޯދުމުގެ ވިސްނުން އޭނާގެ އެބަހުއްޓެވެ.

"ނޭނގެ އިތުރު މީހުންނާ ކައިވެނި ކުރެވޭނެ ވަކި ދުވަހެއް ބުނާކަށް. ނަމަވެސް ކައިވެނި ކުރާނެކަން އެއީ ޔަގީންކަމެއް. އަހަރެން އިތުރު އަންހެނުންނާ ކައިވެނިކުރަން ބޭނުންވޭ،" އުރުސޯ ބުންޏެވެ.

އެކަކަށްވުރެ ގިނަ މީހުންނާ އިނުމަކީ ބްރެޒީލްގެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ. އެހެންވެ އުރުސޯގެ މި ކައިވެނިތަކުގެ ތެރެއިން ސައްހައީ އެންމެ ކައިވެންޏެކެވެ. އަދި ވަރި ކުރިޔަސް ދޮށީ އަނބިމީހާ ވަރިކުރީމަ ނޫނީ ސައްހަ ވަރިއެއް ކަމަކަށް ނުބެލެވޭނެ އެވެ. ސަބަބަކީ ގާނޫނީ ގޮތުން އުރުސޯގެ ހުރީ އެންމެ އަންބަކަށް ވާތީ އެވެ. އެއީ އޭނާގެ ދޮށީ އަނބި ލުއާނާ ކަޒާކީ އެވެ.

މި ހުރިހާ އަނބިންނަށް ޚަރަދުކުރަން އޮންލީފޭންސް ކިޔާ އެކައުންޓެއް އުރުސޯ ވަނީ ހުޅުވާފަ އެވެ. ސޯޝަލް މީޑީއާގައި އޭނާ ފޮލޯކުރާ 1.8 މީހުން ތިބެ އެވެ. މި މީހުންނާ އޭނާ ޝެއާކުރާ ފޮޓޯތަކާއި ވީޑީއޯތަކުން އަދި ޕޯސްޓްތަކުން މަހަކު 50،000 ޕައުންޑުގެ އާމްދަނީއެއް އުރުސޯ އަށް ލިބެ އެވެ.