ލައިފްސްޓައިލް

ކައިވެނި ކުރާނަމަ ވޭން ހުރި އިމްތިހާނަކާ ކުރިމަތި ކުރުވާ ގަބީލާއެއް!

ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކަށް ޚާއްސަ ސަގާފަތާއި އާދަކާދަތަކެއް ހުންނާނެ އެވެ. އެގޮތުން ބައެއް ގައުމުތަކުގަ އާއި ބައެއް ގަބީލާތަކުގައި ގެންގުޅޭ ބައެއް އާދަކާދަތަކަކީ އެ ވާހަކަ އަޑު އިވޭ ބަޔަކު ވެސް ހައިރާންވެގެން ގޮސް އަންތަރީސްވާ ވަރުގެ އާދަކާދަ ތަކެވެ. ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ގަބީލާއެއްގެ މީހުންނަކީ ވެސް މިފަދަ އަޖައިބު ކުރުވަނިވި އާދަކާދައެއް ގެންގުޅޭ ބައެކެވެ.

މި ގަބީލާގެ އާދަކާދަ އޮންނަ ގޮތުން ފިރިހެން ކުއްޖަކު ކައިވެންޏެއް ކުރަން ބޭނުންވެއްޖެނަމަ އޭނާއަށް ވަރަށް ވޭން ހުރި އިމްތިހާނަކާ ކުރިމަތިލާން ޖެހެ އެވެ. އެ މީހަކު ކައިވެންޏެއް ކުރަން ގާބިލް މީހެއް ކަމަށް ގަބޫލު ކުރެވޭނީ މި އިމްތިހާނުން ފާސް ވެއްޖެނަމަ އެވެ. އިމްތިހާނު ހަދަން ބޭނުން ނުވާނަމަ މުޅި އުމުރަށް ކައިވެނި ނުކޮށް އެ ފިރިހެނަކަށް ޖެހޭނީ ހުންނާށެވެ.

ސަޓޭރޭ-މަވޭ ގަބީލާ މީހުންގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ ފިރިހެން ކުއްޖަކު ވެސް ޒުވާން ފުރައަށް އެޅުމުން އެ ކުއްޖަކީ ކައިވެންޏެއް ކުރުމުގެ ގާބިލްކަން ހުރި ކުއްޖެއްކަން އެ ގަބީލާގެ އެންމެންގެ ކުރިމަތީގައި ސާބިތުކޮށްދޭން ޖެހެ އެވެ. އެއްވެސް ފިރިހެން ކުއްޖަކަށް މި ޓެސްޓުން ފާސްނުވެ ކައިވެންޏެއް ނުކުރެވޭނެ އެވެ.

މި އާދަކާދައިގައިވާ ގޮތުން ކޮންމެ ފިރިހެން ކުއްޖަކު ވެސް ލަކުޑިން ތައްޔާރުކޮށްފައި އޮންނަ އަންގިއެއްގެ ތެރެއަށް ވަރަށް ބާރަށް ދަތްއަޅާ ޒާތުގެ ބޮޑެތި ހިނިތަކެއް އަޅައި އެ އަންގި ތެރެއަށް އަތް ކޮއްޕަން ޖެހެ އެވެ. މި ގަބީލާގެ މީހުން ގަބޫލުކުރާ ގޮތުގައި މި ހިނިތައް ދަތްއަޅައިގެން އެ އަޅާ ވޭނަށް ކެތްކުރެވުމުން ނޫނީ ފިރިހެން ކުއްޖަކު ބޮޑުވީ ކަމަކަށް ނުބެލެވޭނެ އެވެ.

'ބުލެޓް އޭންޓް" ނަމަކަށް ކިޔާ އާދަޔާޚިލާފަށް ބޮޑެތި ހިނި ތަކަކީ އެމެޒަން ޖަންގަލިން ހޯދައިގެން އެމީހުން ގެންނަ އެއްޗެކެވެ. ހިނިތައް ގެނެސް ވަރަށް ބޯ އަންގިއެއްގެ ތެރެއަށް ލާ ބަންދުކޮށްފައި ބަހައްޓަނީ އެވެ. ވަކި އިރެއް ވަންދެން ހިނިތައް އަންގި ތެރޭގައި ބަންދުކޮށްފައި ބޭތިއްބުމަށްފަހު ޓެސްޓް ހަދާ ފިރިހެން ކުއްޖާގެ އަތް އެ އަންގި ތެރެއަށް ކޮއްޕަން ޖެހެ އެވެ. އޭރު ހިނިތައް ތިބޭނީ އަންގި ތެރޭގައި ތިބެ ތިބެ ވަރަށް ރުޅިގަދަ ވެފަ އެވެ. އިސާހިތަކު އެތައް ހިންޏެއް ވެގެން އެ ފިރިހެން ކުއްޖާގެ އަތުގައި ހިތު ހުރި ވަރަކަށް ހަފާނެ އެވެ. ބުނެވޭ ގޮތުގައި ހިނިތަން ހަފަން ފެށުމުން އެވާ ތަދެކޭ ގަޔަށް ބަޑި ޖެހީމަ ވާ ތަދެކޭ އެއްފަދަ އެވެ. މި ޓެސްޓް ހަދާތާ އެތައް ދުވަހެއް ވާއިރުވެސް މފިރިހެން ކުދިންގެ އަތް އޮންނަނީ ދުޅަވެ އަރާފަ އެވެ.

މި އިމްތިހާނުގައި ބައިވެރިވެވޭނީ 12 އަހަރުން މަތީގެ ފިރިހެން ކުދިންނަށެވެ. މި ކުދިން އިމްތިހާނު ހަދަން ތައްޔާރުވުމުން ޖަންގަލީގެ ތެރެއިން ބުލެޓް އޭންޓް ކިޔާ ޒާތުގެ ބޮޑެތި ހިނިތައް އަމިއްލައަށް ހޯދައިގެން ގެންނަން ޖެހޭނެ އެވެ. ދެން ލަކުޑި ކަހަލަ އެއްޗަކުން އަންގި ތައްޔާރުކޮށް ހިނިތައް އެ އަންގި ތެރެއަށް ލައި ނުނިކުމެވޭގޮތް ހަދާފައި ބަހައްޓަނީ އެވެ. އޭގެ ފަހުން މި ފިރިހެން ކުދިންނަށް އެ އަންގިތަކަށް 20 ފަހަރު އަތް ލާން ޖެހެ އެވެ. އެކަން ކުރަމުންދާ ގަޑިގައި ސަގާފީ ލަވަޔާއި ނެށުންތައް ވެސް ކުރިޔަށް ދާނެ އެވެ.

ކޮންމެ ފަހަރަކު އަންގި ލައްވާފައި 10 މިނިޓް ވަންދެން ބަހައްޓަން ޖެހެ އެވެ. ބުނެވޭ ގޮތުގައި މިގޮތަށް މި އަންގިތެރެއަށް އަތް ކޮއްޕާލުމުން ހިނިތައް ހަފަން ފެށުމުން އެ ވާ ތަދު 30 ފަހަރު ކުޅަނދުރުކަށި ޖެހުމެކޭ އެއްވަރެވެ. އަދި މިހާ ބޮޑަށް އަތަށް ތަދުވާއިރުވެސް މިފިރިހެން ކުދިން ދައްކަން ޖެހޭނީ މާބޮޑަށް ތަދު ނުވާ ކަމަށެވެ.