ފިނިޕޭޖް

ބްރޫސް ލީގެ ބަޔޯޕިކެއް ހަދަނީ

ސޮނީގެ 3000 ޕިކްޗާސް އިން އޮސްކާ ލިބިފައިވާ ޑައިރެކްޓަރު އާންގ ލީ އާ ގުޅިގެން އެކްޓާ ބްރޫސް ލީގެ ބަޔޯޕިކްއެއް ހަދަނީ އެވެ.

ބްރޫސް ލީއަށް ތައުރީފް ކުރަމުން އަންގ ލީ ބުނީ އެ ލެޖެންޑަރީ ތަރި އަކީ އިރުމައްޗާއި ހުޅަނގުގެ މެދުގެ އެޅުނު ބްރިޖެއް ކަމަށާއި އޭނާ މާޝަލް އާޓްސް އާއި އެކްޝަން ސިނަމާއަށް އިންގިލާބެއް ގެނައި ކަމަށެވެ.

އާންގ ލީ މިކަން ހާމަނުކުރީ ކިތަންމެ ފަހުން ނަމަވެސް މި ޕްރޮޖެކްޓްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މިފިލްމްގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ފިލްމުގައި ބްރޫސް ލީގެ ރޯލް އަދާކުރާނީ އާންގ ލީގެ ދަރިފުޅު މޭސަން ލީ އެވެ. މޭސަން މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހު އޭޝިއާގައި ޓްރޭނިން ހޯދާފައިވެ އެވެ.

އުމުރުން 32 އަހަރުގެ މޭސަން ވަނީ "ދަ ހޭންގްއޯވާ ޕާޓް 2"، ޓައިވާންގެ "ސްޓޭންޑް ބައި މީ" އަދި ހޮންކޮންގެ "ލިމްބޯ" ކުޅެފަ އެވެ.

އެމެރިކާގެ ސޭން ފްރެންސިސްކޯގައި އުފަންވި ބްރޫސް ލީ އަކީ ހޮންކޮން ދަރިކޮޅަށް ނިސްބަތްވާ ބަޔަކަށް ލިބުނު ދަރިއެކެވެ. ހޮންކޮންގައި ކާމިޔާބު ފިލްމްތަކެއް ކުޅުމަށްފަހު ހޮލީވުޑް ފިލްމް ކުޅެން ބޭނުންވެގެން އެމެރިކާއަށް ބަދަލުވެ، ފައިސާ ހޯދުމުގެ ގޮތުން މާޝަލް އާޓްސް ސްކޫލެއް ހުޅުވި އެވެ. އޭނާގެ ދަރިވަރުންގެ ތެރޭގައި ޗަކް ނޮރިސް، ޝެރަން ޓޭޓް އަދި ކަރީމް ޢަބްދުލް ޖައްބާރް ހިމެނެ އެވެ.

އެކި މާޝަލް އާޓްސްގެ އުކުޅުތައް ބޭނުންކޮށްގެން، "ޖީޓް ކޫން ޑޯ"ގެ ނަމުގައި އާ ވައްތަރެއްގެ މާޝަލް އާޓްސް ފޯމެއް ވެސް ބްރޫސް ލީ ހަދާފައިވެ އެވެ. ހޮލީވުޑްއިން ފުރަތަމަ ކުދި ރޯލްތައް ދިން ނަމަވެސް، ބުރަ މަސައްކަތަށްފަހު ބްރޫސް ލީ ވަނީ ކާމިޔާބީ ހޯދާފަ އެވެ.

ބްރޫސް ލީގެ ސަބަބުން ހޮލީވުޑް ފިލްމްތަކުގައި އިރުމަތީ އޭޝިއާގެ މީހުން ދައްކާ ގޮތް ބަދަލުވެގެން ދިޔަ އެވެ.

1973 ގައި އުމުރުން 32 އަހަރުގައި ބްރޫސް ލީ ވަނީ މަރުވެފަ އެވެ.

ބްރޫސް ލީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ފިސްޓް އޮފް ފިއުރީ" އާއި "ދަ ވޭ އޮފް ދަ ޑްރޭގަން" ހިމެނެ އެވެ. އަދި މަރުވިފަހުން ނެރުނު "އެންޓާ ދަ ޑްރޭގަން" އާއި "ގްރީން ހޯނެޓް" ވަނީ ބޮކްސް އޮފީހުގައި ވަަރަށް ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ.