ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓްގެ ވަރީގެ މައްސަލަ ނިމިއްޖެ އެވެ.
މި ދެ ސެލެބްރިޓީން މިދިޔަ އަހަރު ވަކިވެ، ވަރިވާން ހުށަހެޅުމުން ކޯޓުން ކިމް ރަސްމީ ގޮތުން ސިންގަލް ކަމަށް ނިންމިތާ މިހާރު ނުވަ މަސް ވެދާނެ އެވެ. އެހެންނަމަވެސް ދެ މީހުންގެ އެސެޓާއި ފައިސާ އަދި ދަރިންގެ ކަންތައްތައް އޭރުވެސް ކުރިއަށް ދިޔަ އެވެ.
މި ކޭސް ނިމުނު އިރު، ދެ މީހުން އެއްބަސް ވެފައިވަނީ އެ ދެ މީހުންގެ 10 އަހަރުން ދަށުގެ ހަތަރު ދަރިން ކަމަށްވާ ނުވަ އަހަރުގެ ނޯތް އާއި ހަ އަހަރުގެ ސެއިންޓް އާއި ހަތަރު އަހަރުގެ ޝިކާގޯ އަދި ތިން އަހަރުގެ ސާމްގެ ޖޮއިންޓް ފިޒިކަލް އަދި ލީގަލް ކަސްޓަޑީ ދެ މީހުންނަށްވެސް ލިބިގެންވާ ކަމަށެވެ. އަދި މަހަކު ދެ ލައްކަ ޑޮލަރު އެ ހަތަރު ކުދިންގެ ހަރަދަށް ކިމް އަށް ދައްކަންޖެހޭ ކަމަށް ނިންމުމުގެ އިތުރުން، އެ ކުދިންގެ ސިއްހީ، ތައުލީމީ އަދި ސެކިއުރިޓީ ހަރަދުތަކުގެ 50 އިންސައްތަ ކާންޔޭ ދައްކަން ޖެހޭނެ ކަމަށްވެސް ވަނީ ނިންމާފަ އެވެ.
ދަރިންނާމެދު ކުރިމަތިވާ ދެބަސްވުން މީޑިއޭޝަން މެދުވެރިކޮށް ނިންމުމަށް ވެސް އެއްބަސްވި އެވެ. އެއްވެސް ފަރާތެއް އެ މީޑިއޭޝަންގައި ބައިވެރިނުވާނަމަ އަނެއް ފަރާތަށް އެކަމުގައި ގޮތެއް ނިންމޭނެ ކަމަށްވެސް ނިންމި އެވެ.
މީގެ އިތުރުން ދެ މީހުންގެ އެސެޓްތަކާއި ޕްރޮޕަޓީތައް އެގްރީމަންޓްގައި ބަޔާންކުރެވިފައިވާ ގޮތަށް ބަހައި، ދެ މީހުންވެސް ސްޕައުސަލް ސަޕޯޓް ބޭނުން ނުވާ ކަމަށް އެއްބަސްވި އެވެ.
އުމުރުން 42 އަހަރުގެ ރިއަލިޓީ ސްޓާ އަދި ސްކިމްސްގެ ފައުންޑާ ކިމް ކާޑޭޝިއަން އާއި 45 އަހަރުގެ ކޮންޓްރަވާޝަލް ރެޕާ އަދި ޔީޒީގެ ބްރޭންޑްގެ ކާންޔޭ ވެސްޓް 2012 ގައި ލޯބީގެ ގޮތުން ގުޅި، 2014 ގައި ކައިވެނި ކުރި އެވެ.
މި ދެމީހުންގެ ކައިވެނީގައި މައްސަލަތައް ޖެހި ވަރިއާ ހިސާބަށް ދާންޖެހުނީ ކާންޔޭގެ ކޮންޓްރަވާޝަލް ޓްވީޓްތަކާއި އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން އުޅުމުގެ ތެރޭގައި ދެ މީހުންގެ ޒާތީ ގިނަ ކަންތައްތަކެއް ސޯޝަލްމީޑިއާގައި ހާމަކުރުމާ ގުޅިގެންނެވެ.
ކާންޔޭ މިހާރުވެސް އެކި ކަންތައްތަކާ އަގަ ގަދަކޮށް، އެކި ކަންތައްތަކާ ބެހި، ހަމަނުޖެހޭ ވާހަކަތައް ދައްކާ، އެކި މީހުންނާ ޖައްސާލަމުން ޓްވީޓް ކުރަމުންދެ އެވެ. މިގޮތުން ޔަހޫދީންނަށް އެއްޗެތި ކިޔާ، ހިޓްލާއަށް ސަޕޯޓްކުރާ ކަމަށް ބުނެ، ކަޅު ނަސްލުގެ މީހަކަށްވެ ހުރެ ވައިޓް ސުޕްރިމަސީ ޕްރޮމޯޓްވާ ފަދަ "ވައިޓް ލައިވްސް މެޓާ" ޓީ-ޝާޓް ލައިގެން އެކަން ދިފާއުކޮށްފައިވެ އެވެ.
މިކަންކަމާ ގުޅިގެން ޓްވިޓާއިން ވަނީ ކާންޔޭ ސެންސާވެސް ކޮށްފަ އެވެ.