ކުޅިވަރު

ޖަރުމަނު ފުޓްބޯޅައިގެ ހާލަތު ވަރަށް އަވަހަށް ބަދަލުކުރާނަން: ކޯޗު

ޖަރުމަނު ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ސަބަބުތައް ދެނެގަނެ ވަރަށް އަވަހަށް ހާލަތު ބަދަލުކުރާނެކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އީ އިން ޖަރުމަނު ދިޔައީ ތިންވަނަ އަށެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދީ ރޭ ސްޕެއިން އަތުން 2-1 އިން މޮޅުވި ޖަޕާން އެވެ. ދެވަނަ ސްޕެއިން އަށް ލިބުނީ ހަތަރު ޕޮއިންޓާ އެކު އެވެ. ޖަރުމަނަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބުނެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން ސްޕެއިން ދެވަނަ ބުރު ކަށަވަރުކުރީ އެވެ.

ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ޖަރުމަނަށް މޮޅެއް ލިބުނީ ހަމައެކަނި ކޮސްޓަ ރީކާ އަތުންނެވެ. ރޭ 4-2 އިން އެޓީމު ބަލިކުރިއިރު ދެވަނަ މެޗުގައި ސްޕެއިންއާ އެއްވަރުކުރި އެވެ. އެކަމަކު ފުރަތަމަ މެޗުގައި ޖަޕާން އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.

"އަހަރެން ވޯލްޑް ކަޕުން ކެޓީ. ވަރަށް އަވަހަށް އަހަރެމެންނަށް މި ހާލަތު ބަދަލުކުރެވޭނެ. ކުރިމަގަށް ޓީމު ބައްޓަންކުރަންވީ ގޮތް ބަލާނަން. މި ވޯލްޑް ކަޕްގައި ކެޓި ސަބަބު އެކި ދިމަދިމާލުން ބަލަންޖެހޭ. އެއަށްފަހު އަހަރެމެން ވަރަށް އަވަހަށް އެނބުރި އަންނާނަން" 2021 ވަނަ އަހަރު ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ފްލިކް ބުންޏެވެ.

ޖަރުމަނަކީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ގައުމެކެވެ. ބޮޑެތި މުބާރާތްތަކުގައި އެގައުމަކީ އަބަދުވެސް ރަނގަޅު ނަތީޖާތަކެއް ނެރޭ ޓީމެކެވެ. އެކަމަކު މިދިޔަ ހައެއްކަ އަހަރު އެޓީމު ފެނުނީ ދަށްކޮށެވެ. މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖެހިޖެހިގެން ޖަރުމަނު ކެޓި ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު އެޓީމު ދިޔައީ ގްރޫޕުގެ ފުލަށެވެ. ޔޫރޯ 2020 ގައި ޖަރުމަނު ވަނީ އިންގްލެންޑް އަތުން ބަލިވެ ދެވަނަ ބުރުން ކަޓައިފަ އެވެ.

މިހާރު އޮތް ޖަރުމަނު ޓީމުގައި ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިން ގިނަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމުން އެންމެ ފާހަގަކޮށްލެވުނީ 19 އަހަރުގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. ޖަރުމަނު ވޯލްޑް ކަޕުން ކެޓިޔަސް މުސިއާލާ އެގައުމުގައި ހުރުމަކީ ބޮޑު އުއްމީދެކެވެ.

23 އަހަރުގެ ކައި ހަވާޓްޒް މެޗަށް ފަހު ބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓުމަށް ފަހު މިދިޔަ ހަތަރު އަހަރު ދުވަހު ޖަރުމަނުގެ ފުޓްބޯޅަ ދިޔައީ އެންމެ ރަނގަޅު މިސްރާބަކަށް ނޫން ކަމަށެވެ.

"އަހަރެމެން ގްރޫޕް ސްޓޭޖުން މި ކެޓީ ދެފަހަރު. ޖަރުމަނަކީ މިހާރު ވޯލްޑް ކަޕް ކާމިޔާބު ކުރެވޭ ފެންވަރުގެ ޓީމެއް ނޫން" މެޗަށް ފަހު ޗެލްސީގެ ފޯވާޑް ހަވާޓްޒް ބުންޏެވެ.

ދަށް ނަތީޖާތަކާ އެކު ޖަރުމަނު ޓީމަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ދޮށީ އެއް ކުޅުންތެރިޔަކީ 36 އަހަރުގެ ގޯލްކީޕަރު، މަނުއެލް ނޯޔާ އެވެ. ފޯވާޑް ތޯމަސް މުލާ އަށް 33 އަހަރު ވެފައިވާއިރު އޭނާ އަށް ދެން ޓީމުން ފުރުސަތު ހޯދަން އުނދަގޫ ވާނެ އެވެ. މިޑްފީލްޑަރު އިލްކާއީ ގުންޑޮގާން އަށް 32 އަހަރު ވެފައިވާއިރު މިފަހަރު އެޓީމުން އަލަށް ފުރުސަތު ހޯދި ފޯވާޑް، ނިކްލަސް ފުލްކްރުގްގެ އުމުރަކީ 29 އަހަރެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި ނަތީޖާ ރަނގަޅުކުރަން ޖަރުމަނަށް ދެން އެންމެ އަވަހަށް ލިބޭނެ ފުރުސަތަކީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް އޮންނާނީ ޖަރުމަނުގަ އެވެ.