ހަބަރު

ޑިޕްލޮމާ ނެތް ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ހެޔޮ އަގެއްގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިފި

Jan 22, 2015

ރާއްޖޭގެ ސްކޫލްތަކުގައި ތިބި ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ނެތް ޓީޗަރުންނަށް ވަޒީފާގައި އުޅެމުން ގައުމީ ޔުނިވާސިޓީގައި ހެޔޮ އަގެއްގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި ދީފި އެވެ.

ދާދިފަހުން ސަރުކާރުން ވަނީ ޓީޗަރުންގެ ފަންނީ އޮނިގަނޑު އިސްލާހުކޮށް، ޓީޗަރަކަށްވުމުގެ އެންމެ ދަށް ސަނަދަކީ ޑިޕްލޮމާ ކަމަށް ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޑިޕްލޮމާ ނެޓް ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ގައުމީ ޔުނިވާސިޓީން ކިޔެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ތަފާތު ހަ ދާއިރާއިން ސްޕެޝަލައިޒް ވެވޭ ގޮތަށް ޑިޕްލޮމާއިން ޓީޗިންގެ މިހާރު އެކުލަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެއީ އިސްލާމާއި ދިވެއްސާއި ގުރުއާނުގެ އިތުރުން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި ހެލްތް އެންޑް ޕީއީ އަދި ކްރިއޭޓިވް އާޓްސެވެ. އަދި އެ ޑިޕްލޮމާ ފުރިހަމަ ކުރުމުން ބެޗްލާ އޮފް އެޑިއުކޭޝަން ކޯހަށް އެޑްވާންސް ސްޓޭންޑިން އާއެކު ދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޓީޗިން ޑިޕްލޮމާ ކޯހަށް ޔުނިވާސިޓީން ކަނޑައަޅާފައިވާ ކޯސް ފީގެ ތެރެއިން ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ޔުނިވާސިޓީން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ކޯހުގެ އަސްލު ފީއަކީ 6360ރ. ނަމަވެސް އެގޮތަށް ހަމަޖެއްސުމުން ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުން ދައްކަން ޖެހޭނީ 4770ރ. ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ދާދިފަހުން ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑު ކުރިއިރު ޑިޕްލޮމާ އޮތް ޓީޗަރުންނަށް އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސްގެ ނަމުގައި ދިނީ މުސާރައިގެ 15 އިންސައްތަ ނަމަވެސް ޑިޕްލޮމާ ނެތް ޓީޗަރުންނަށް އެ އެލަވަންސްގެ ގޮތުގައި މުސާރައިގެ 20 އިންސައްތަ ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެގޮތަށް ހަމަޖެއްސީ ވެސް އެ ފަރާތްތަކަށް އިތުރަށް ކިޔެވުމަށް ހިތްވަރު ދިނުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.