ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ފަހު ވަގުތު 2-1 އިން ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރިއިރު ހިތްދަތި ގޮތަކަށް އުރުގުއޭ ވޯލްޑް ކަޕުން ކަޓައިފި އެވެ.
2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ވަނީ ކަޓައިފަ އެވެ. އެފަހަރު އުރުގުއޭ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެކަމަކު މިރޭ 2-0 އިން ގާނާ ބަލިކުރި ނަމަވެސް އެޓީމަށް އަނެއް ބުރުގެ ފުރުސަތު ގެއްލުނެވެ.
ގްރޫޕް އެޗްގެ އެއްވަނަ ހަ ޕޮއިންޓާ އެކު ހޯދީ ޕޯޗުގަލް އެވެ. ދެވަނަ ހޯދި ދެކުނު ކޮރެއާ އާއި ތިންވަނަ އަށް ދިޔަ އުރުގުއޭ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ފުލަށް ދިޔަ ގާނާ އަށް ލިބުނީ ތިން ޕޮއިންޓެވެ.
ދެކުނު ކޮރެއާ އާއި އުރުގުއޭ އަށް އެއްވަރަށް ޕޮއިންޓް ލިބި ފައިދާ ގޯލު ވެސް އޮތީ އެއްވަރުވެފަ އެވެ. ކުރި ލިބޭ ޓީމު ހޯދީ ޖެހި ގޯލަށް ބަލައިގެންނެވެ. ތިން މެޗުގައި ދެކުނު ކޮރެއާ އިން ހަތަރު ގޯލު ޖެހިއިރު އުރުގުއޭ އަށް ޖެހުނީ ދެ ގޯލެވެ. އެހެންވެ ޖެހި ގޯލުގެ ތަފާތުން ދެކުނު ކޮރެއާ އަށް ދެވަނަ ބުރު ޔަގީންވި އެވެ.
ދެކުނު ކޮރެއާ އާއި ޕޯޗުގަލް ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޕޯޗުގަލް އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މިރޭ ފުރަތަމަ އެގާރައިން ފުރުސަތު ދިން ރިކާޑޯ ހޯޓާ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެކުނު ކޮރެއާ އިން ނަތީޖާ ހަމަހަމަކުރި އެވެ. ކޯނަރަކުން އުފެއްދި ހަމަލާއެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ ކިމް ޔަންގް-ވޮން އެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލް އެވެ. އެކަމަކު ކައުންޓަ އެޓޭކުގައި ދެކުނު ކޮރެއާ އިން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. ހިތްވަރު އެލުވާނުލައި ދެކުނު ކޮރެއާ އިން މެޗުގައި ލީޑު ނެގީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. ކެޕްޓަން ސޮން ހެއުން މިންގެ ބޯޅައަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހުވާން ހީ-ޗަން އެވެ.
މޮޅަށް ފަހު ދެކުނު ކޮރެއާގެ ކުޅުންތެރިން މަޑުކޮށްގެން ތިބީ އުރުގުއޭ މެޗުގެ ނަތީޖާ އަށެވެ. އެ މެޗުގައި އުރުގުއޭ އަށް އިތުރު ގޯލެއް ނުޖެހުމުން ދެކުނު ކޮރެއާ އަށް ދެވަނަ ބުރު ޔަގީންވި އެވެ.
އުރުގުއޭ އާއި ގާނާ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ގާނާ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ އަންދްރޭ އަޔޫ ޖެހި ޕެނަލްޓީ ގޯލުގެ ތިރީ ކަނަށް އަމާޒުވި ނަމަވެސް އުރުގުއޭގެ ގޯލްކީޕަރު ސާޖިއޯ ރޮޗެޓް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އުރުގުއޭ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. 26 ވަނަ މިނެޓާއި 32 ވަނަ މިނެޓުގައި މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖިއޯޖިއަން ޑެނިއެލް އަރަސްކޭޓާ އެވެ. މި ގޯލަށް ފަހު ވެސް ފުރަތަމަ ހާފުގައި އުރުގުއޭ އިން ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކުރި އެވެ.
ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނު ނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ހާއްސަކޮށް ގާނާ އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އުރުގުއޭގެ ގޯލްކީޕަރު ރޮޗެޓް މުހިއްމު ދައުރެއް އަދާކުރި އެވެ.
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފަ އެވެ. އަނެއްކޮޅުން ދެކުނު ކޮރެއާ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުފާފާޅުކުރުން ފެނިގެންދިޔަ އެވެ. މިރޭގެ މެޗުތަކަށް ނުކުތްއިރު ދެކުނު ކޮރެއާ އަށް އަނެއް ބުރަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. އެޓީމަށް މަޖުބޫރުވީ ޕޯޗުގަލް ބަލިކޮށް އުރުގުއޭ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ މިރޭ 12 ޖަހާއިރު އެވެ. އެގަޑީގައި ކުޅޭނީ ގްރޫޕް ޖީގެ ބްރެޒިލް އާއި ކެމެރޫން ވާދަކުރާ މެޗާއި ސްވިޒަލެންޑާއި ސާބިއާ ވާދަކުރާ މެޗެވެ.