އިސްލާމިކް ސްޓޭޓް

ޖިހާދީ ޖޯން މަރުވިކަން އައިއެސްއިން ޔަގީންކޮށްދީފި

ޖިހާދީ ޖޯންގެ ނަމުގައި މަޝްހޫރުވެފައިވާ އަދި އައިއެސް އިން ރަހީނުކުރާ މީހުން މަރާލާ ވީޑިއޯތަކުން ފެންނަ މުހައްމަދު އެމްވަޒީ މަރާލާފައިވާކަން އައިއެސް ޖަމާއަތުން ޔަގީންކޮށްދީފި އެވެ. ވަ ނަމެއްގެ ގޮތުގައި އޭނާ އަށް އަބޫ މުހާރިބް އަލް މުހާޖިރުގެ ނަން އޭނާ އަށް ދީފައިވެ އެވެ.

އައިއެސްގެ ހަބަރުތައް ގެނެސްދޭ "ދާބިގް" ނޫހުން އެކަން ޔަގީންކޮށްދީފައިވަނީ އޭނާ މަރާލިކަމުގެ ވާހަކަތަކެއް މީގެ ދެމަސް ކުރިން އެމެރއިކާގެ އަސްކަރިއްޔާއިން ދައްކާފައިވަނިކޮށެވެ.

އެ ނޫހާ ހަވާލާދީ ރިޕޯޓްގައް ބުނާގޮތުގައި މުހައްމަދު މަރާލާފައިވަނީ އޭނާ ދަތުރުކުރަމުންދިޔަ ކާރަށް ދިން ވައިގެ ހަމަލާއެއްގަ އެވެ.

އެމްވަޒީ އަކީ އިނގިރޭސިވިލާތުގައި ދިރިއުޅުމަށް ފަހު ކުވެއިތަށް ދިޔަ މަގުމަތީގައި އޭނާއާ ސުވާލުކުރި އިނގިރޭސިވިލާތުގެ އޮފިޝަލުންނަށާއި، އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއަށް ގޮންޖަހާފައިވާ މީހެއް ކަމަށް އެނޫހުގައި ބުނެ އޭނާއަށް ތައުރީފްކޮށްފައި ވެއެވެ.

އެމްވަޒީ އަކީ އައިއެސްގައި އަސްކަރީ ގޮތުން މާބޮޑު ދައުރެއް އަދާކޮށްފައިވާ މީހެއް ނޫނެވެ. ނަމަވެސް އޭނާ އަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާގެ އެންމެ މުހިއްމު އެއް އަމާޒެވެ.

އެމްވާޒީ އެންމެ ފުރަތަމަ މަޝްހޫރުވީ އޮގަސްޓް 2014ގައި އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ޖޭމްސް ފޯލޭ މަރާލާ ވީޑިއޯއަކުންނެވެ.