ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނަ އެމެރިކާ އަކީ މުބާރާތުގެ އެންމެ މޮޅު އެއް ޓީމުކަމަށް ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ނެދަލެންޑްސް ދަތުރުކުރީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނެދަލެންޑްސް އިން ވަނީ ސެނެގޯލް އާއި ގަތަރު ބަލިކޮށް އިކުއެޑޯއާ އެއްވަރުކޮށްފަ އެވެ. އެމެރިކާ ދެވަނަ ބުރު ކަށަވަރުކުރީ އިންގްލެންޑުގެ ފަހަތުން ގްރޫޕް ބީގެ ދެވަނަ ހޯދައިގެންނެވެ. ދެވަނަ ބުރުގައި ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނައިރު އެމެރިކާ ދައްކަމުން އަންނަ ކުޅުމަކީ ނެދަލެންޑްސް އަށް މިރޭގެ މެޗު އުނދަގޫ ވާނެ ސަބަބެކެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެން ހާލް ވަނީ އެމެރިކާ ފެންވަރު އެނގޭ ކަމަށް ބުނެ އެޓީމާ މެދު ސަމާލުވާނެކަމަށް ބުނެފަ އެވެ.
"އެމެރިކާގަ އޮތީ ވަރަށް މޮޅު ޓިމެއް. އަހަރެންނަށް ބުނެވިދާނެ މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު އެއް ޓީމޭ އެމެރިކާ އަކީ" ވެން ހާލް ބުންޏެވެ.
ވެން ހާލް ބުނީ އެމެރިކާއާ ދެކޮޅަށް ނުކުންނައިރު ނެދަލެންޑްސްގެ ޓީމު ވެސް ވަރުގަދަވާނެ ކަމަށެވެ.
"އަނެއް ބުރަށް ދިޔަ ޓީމުތަކުގެ ތެރޭގައި ޓީމެއްގެ ގޮތުގައި އެހާ ރަނގަޅު ނޫނަސް އިންޑިވިޖުއަލް ކޮލިޓީ ހުރި ޓީމުތައް އެބަހުރި. އަހަރެމެން އެމެރިކާއާ މެދު ފަސޭހަކޮށް ނުނަގާނަން. އެމެރިކާ އިން ދައްކުވައިދީފި މޮޅު ޓީމެއްގައި ހުންނާނެ ފެންވަރު" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗު ބުންޏެވެ.
މުބާރާތުގައި ނެދަލެންޑްސް އަށް އެންމެ ބޮޑަށް އަމާޒުވަމުން އަންނަ ފާޑުކިޔުމަކީ އެޓޭކުތައް ވަރުގަދަ ނުވުމެވެ. ވެން ހާލް ބުނީ 2014 ވަނަ އަހަރު ވެސް އޭނާގެ ޓީމަށް އެގޮތަށް ފާޑުކިޔުން އަމާޒުވި ކަމަށާއި، ނެދަލެންޑްސް މަސައްކަތްކުރާނީ ހަމަޖެހިގެން ކުޅެ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލަން ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ދެޓީމުގެ ވެސް އަނިޔާގެ މައްސަލައެއް ނެތެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީރާން މެޗުގައި ގޯލު ޖެހި އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗަށް އަނިޔާވި ނަމަވެސް މިރޭގެ މެޗުގައި ޕުލިސިޗް ކުޅޭނެ އެވެ. އެމެރިކާގެ ކޯޗު ގްރެގް ބާހެލްޓާ ބުނީ ޕުލިސިޗް ހުރީ ކުޅެވޭނެ ހާލަތުގައި ކަމަށާއި މެޗުގައި ޕުލިސިޗް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެމެރިކާއާ ދެކޮޅަށް މިހާތަނަށް ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ނެދަލެންޑްސް އިން ކާމިޔާބުކުރި އެވެ. ވޯލްޑް ކަޕްގައި އެމެރިކާގެ ތާރީހަށް ބަލާއިރު މިއީ އެގައުމުން ޖެހިޖެހިގެން ދެވަނަ ބުރު ކަށަވަރުކުރި ތިންވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން 2010 އަދި 2014 ވަނަ އަހަރުގެ ދެވަނަ ބުރުގައި އެމެރިކާ ކުޅުނެވެ. 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިވެފައެއް ނުވެ އެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އާއި އެމެރިކާ ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ. މެޗު ކުޅޭނީ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގަ އެވެ.