ކުޅިވަރު

މެސީގެ 1000 ވަނަ މެޗު މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ އޭނާގެ ކެރިއަރުގެ 1000 ވަނަ މެޗުގައި މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނަ މެޗާ އެކު މެސީ ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު 169 އަށް އަރާނެ އެވެ. ބާސެލޯނާގައި މެސީ 778 މެޗު ކުޅުނުއިރު މިހާރު ކުޅެމުން އަންނަ ޕީއެސްޖީގެ ޖާޒީގައި މެސީ ވަނީ 53 މެޗު ކުޅެފަ އެވެ.

ހާއްސަ މެޗަކަށް ނުކުންނައިރު މިއީ އުމުރުން 35 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕެވެ. އެހެންވެ މިރޭގެ މެޗުން ބަލިވެއްޖެނަމަ 1000 ވަނަ މެޗު ވެގެންދާނީ ވޯލްޑް ކަޕްގައި މެސީ ކުޅޭނެ ފަހު މެޗަށެވެ. އެކަމަކު ފެންވަރަށް ބަލާއިރު މިރޭ އޮސްޓްރޭލިއާ އަތުން އާޖެންޓީނާ މޮޅުވުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ.

މިފަހަރުގެ މުބާރާތުގައި މެސީ ވަނީ ތިން މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ސައުދީ އަރަބިއާ ކޮޅަށް ޕެނަލްޓީއަކުން ގޯލު ޖެހިއިރު ދެވަނަ މެޗުގައި މެކްސިކޯ ކޮޅަށް މެސީ އޭރިޔާ ބޭރުން މޮޅު ގޯލު ޖެހި އެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް ލިބުނު ޕެނަލްޓީ މެސީ އަށް ވައްދައެއް ނުލެވުނެވެ.

މެޗުގެ ކުރިން އާޖެންޓީނާ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ އޮސްޓްރޭލިއާ މެޗުގެ ކުރިން އޭނާ ޓީމަށް ވަރުބަލިކަން ކުރިމަތިވެފައިވާ ކަމަށާއި އެކަމަކު ވެސް ގުދާރު ބިންދައިގެން ދިއަޔަސް މެޗުގައި ހިތްވަރު ކުރާނެ ކަމަށެވެ.

"48 ގަޑިއިރު ތެރޭ މެޗަކަށް ތައްޔާރުވުމަކީ އަސަރު ކުރާނެ ކަމަށެވެ. އެކަމަކު އަހަރެމެން މިތިބީ ގުދާރު ބިންދައިގެން ދިއަޔަސް ވާދަކުރަން ތައްޔާރަށް. ވޯލްޑް ކަޕަކީ ކިހާ އުނދަގޫ މުބާރާތެއްކަން އެނގޭ" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ސްކަލޯނީ ބުންޏެވެ.

އޮސްޓްރޭލިއާ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު ހެރީ ސައުޓާ ބުނީ، މެސީ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި އެވަރުގެ ވާދަވެރިކަމެއް ފުޓްބޯޅައިގައި ފެންނަން އެތައް ޒަމާނެއް ނަގާނެ ކަމަށެވެ.

"އެކަމަކު މިރޭ 90 މިނެޓަށް މެސީ ވާނީ އަހަރެމެން ކުރިމަތިލާންޖެހޭ ކުޅުންތެރިޔަކަށް" މެސީއާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ޑިފެންޑަރު ބުންޏެވެ.

ސައުޓާ ބުނީ ހުރިހާ ވަގުތެއްގައި ވެސް އޮސްޓްރޭލިއާ ޖެހޭނީ ސަމާލުވާން ކަމަށާއި މެސީ ހުއްޓުވަން ޖެހޭނީ ވަކި ކުޅުންތެރިއެއް ނޫން ކަމަށެވެ.

ދެވަނަ ބުރަށް އާޖެންޓީނާ ދަތުރުކުރީ ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފްރާންސް ހިމެނުނު ގްރޫޕުން އޮސްޓޭލިއާ ދެވަނަ ބުރަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ވަނީ ފަހު މެޗުގައި ޑެންމާކް ވޯލްޑް ކަޕުން ކަޓުވާލާފަ އެވެ.

މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އޮސްޓްރޭލިއާ ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު ދެވަނަ ބުރުގައި ވާދަކޮށް އިޓަލީ އަތުން 0-1 އިން ބަލިވީ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ ކެޓީ ފްރާންސާ ވާދަކޮށެވެ. އެކަމަކު މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ އިން އިންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުންނެވެ.

ދެވަނަ ބުރުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. މެޗު ކުޅޭނީ އަހުމަދު ބިން އަލީ ސްޓޭޑިއަމްގަ އެވެ.