ކުޅިވަރު

އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ އެމެރިކާ 3-1 އިން ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސް ހޯދައިފި އެވެ.

ނެދަލެންޑްސް ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ގަތަރާއި ސެނެގޯލް އަތުން މޮޅުވިއިރު އިކުއެޑޯއާ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކުއާޓާ ފައިނަލުގައި ނެދަލެންޑްސް ނުކުންނާނީ އާޖެންޓީނާ ނޫނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މިރޭ 12 ޖަހާއިރު އެވެ.

މިރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ވަނީ ލީޑު ނަގައިފަ އެވެ. އަރިމަތިން ޑެންޒެލް ޑަމްފްރިސް ނަގައިދިން ހުރަސް އެއްފަހަރުން ޖަހައި ގޯލަށް ވައްދާލީ މެމްފިސް ޑިޕާއި އެވެ. މިއީ ޑިޕާއި ގައުމީ ޓީމަށް ޖަހައިދިން 43 ވަނަ ގޯލެވެ. ނެދަލެންޑްސް އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ 50 ގޯލު ޖެހި ކުރީގެ ފޯވާޑް ރޮބިން ވެން ޕާސީ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާގެ ޕުލިސިޗަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ ފޮނުވާލި ހަމަލާ ނެދަލެންޑްސްގެ ގޯލްކީޕަރު އަންދްރައެސް ނޮޕާޓް މަތަކުރީ އެވެ. އޭގެފަހުން ވެސް އެމެރިކާ އިން ވަނީ ނެދަލެންޑްސް އަށް ޕްރެޝަރުކޮށް ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ.

ނެދަލެންޑްސް އިން މެޗުގައި ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑެލޭ ބްލިންޑް ޖަހައިދިން ގޯލުންނެވެ. މިއީ ޑަމްފްރިސް ނަގައިދިން ހުރަހަކުން ބްލިންޑް އެއްފަހަރުން ޖަހައި ގޯލަށް ވައްދާލި ލަނޑެކެވެ.

ދެވަނަ ހާފުގައި އެމެރިކާގެ ހާޖީ ވްރައިޓް އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. ކީޕަރު ކަޓުވާފައި ވްރައިޓް ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ދިފާއުކުރީ ޑަމްފްރިސް އެވެ. އެކަމަކު 76 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ނަގައިދިން ހުރަހެއް ވްރައިޓް ވަނީ ގޯލަށް ވައްދާލާފަ އެވެ. މި ގޯލަށް ފަހު އެމެރިކާ އިން ކުރިއަށް ޖެހިގެން ކުޅެނިކޮށް 80 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ތިންވަނަ ލަނޑު ޖެހި އެވެ. ބްލިންޑް ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޑަމްފްރިސް އެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑަމްފްރިސް ވަނީ ދެ ގޯލު ޖަހަން އެހީތެރިވެ އެއް ގޯލު ޖަހައިފަ އެވެ.

މެޗުގެ ފަހުކޮޅު އެމެރިކާ އިން އިތުރު ގޯލެއް ޖެހޭތޯ މަސައްކަތް ކުރިނަމަވެސް ނެދަލެންޑްސް އިން ވަނީ ލީޑުގައި ހިފަހައްޓައިފަ އެވެ. މި ހާފުގެ ފަހުކޮޅު ނެދަލެންޑްސްގެ ބެންޗުން ކުޅެން އެރި ޒަވީ ސިމޮންސް އާއި ސްޓީވެން ބާގްވައިން އަށް ގޯލު ޖަހާނެ ފުރުސަތެއް ލިބުނެވެ. އެކަމަކު ގޯލަށް ފޮނުވާލުން ލަސްވުމުން އެމެރިކާ ކުޅުންތެރިއަކު އެ ބޯޅަ ބްލޮކްކުރީ އެވެ.

ނެދަލެންޑްސް 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވާއިރު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވަނީ ކުޅެފަ އެވެ. އެފަހަރު ސެމީގައި ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން ބަލިވީ އާޖެންޓީނާ އަތުންނެވެ. ބަދަލުހިފަން މިފަހަރުގެ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އިން އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު ބޮޑެވެ.