އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ރަށެއްގައި އޮތް ކައިވެނި ޕާޓީއަކަށް ދައުވަތު ނުދޭ މީހަކު ކާން ގޮސް އުޅެނިކޮށް ފަޅާ އަރައި އޭނާއަށް ރަނގަޅު އަދަބެއް ދީފި އެވެ.
މިހާރު ވައިރަލްވެގެން އުޅޭ ވީޑިއޯއިން ފެންނަނީ މި ޕާޓީއަށް ދައުވަތު ނުދެނީސް ކާން ދިޔަ ޒުވާން ފިރިހެންކުއްޖެއް ލައްވާ ތަށިތައް ދޮއްވާ މަންޒަރެވެ.
ދައުވަތު ނުދެނީސް ޕާޓީއަށް ކާލަން ދިޔައީ އެމްބީއޭ ދަރިވަރެކެވެ. ދައުވަތެއް ނެތި އޭނާ ޕާޓީ އޮތް ތަނަށް ވަދެ ރަނގަޅަށް ކާލީއެވެ. މި ކުއްޖާއަކީ ދައުވަތު ނުދެނީސް އައިސް އުޅޭ ކުއްޖެއް ކަން ޕާޓީ އޮގަނައިޒްކުރުމުގެ ކަންތަކުގައި އުޅުނު މީހަކަށް ފާހަގަ ކުރެވިގެން އައިސް އެ ކުއްޖާއާ ސުވާލުކުރާތަން ވެސް ވީޑީއޯގައި ފެނެ އެވެ. އަދި އަދަބެއްގެ ގޮތުން އެ ކުއްޖާއަށް ތަށިތައް ދޮންނަން ޖެއްސީ އެވެ.
"ކަލެއަށް އެނގޭތަ ދައުވަތު ނުދެނީސް ކޭމަ ދޭންޖެހޭ އަދަބެއް. އަވަހަށް ގޮސް ތަށިތައް ދޮވޭ. ގޭގައި އަމިއްލަ ތަށިތައް ދޮންނަހާ ރީއްޗަށް ދޮންނާތި،" ޕާޓީ އިންތިޒާމްކުރުމުގައި އުޅުނު މީހަކު އެ ކުއްޖާ ކައިރީގައި ބުނެ އެވެ.
މީގެ އިތުރަށް ވެސް ކުއްޖާގެ ގިނަ މައުލޫމާތުތަކެއް އެމީހާ ހޯދަ އެވެ. އެ ކުއްޖާ ބުނަނީ އޭނާއަކީ ޖަބަލްޕޫރުގެ ރަށްވެއްސެއް ކަމަށާއި ބޯޕާލްގެ ކޮލެޖެއްގައި އެމްބީއޭ އަށް ކިޔަވާ ކުއްޖެއް ކަމަށެވެ.
މައިންބަފައިން އޭނާ ކާނެ ފައިސާ ނުފޮނުވާތޯ ވެސް ޕާޓީ އިންތިޒާމްކުރި ފަރާތުން އެ ކުއްޖާއާ ސުވާލު ކުރެ އެވެ.
ހިލޭ ކައިގެން މި ލިބުނު އަދަބާ ދޭތެރޭ ކީކޭތޯ ބުނަނީ އެ ކުއްޖާއާ ސުވާލުކުރުމުން އޭނާ ބުނީ ފައިސާ ނުދީ ކެވިއްޖެ ކަމަށާއި އެހެންވީމާ އޭގެ ބަދަލުގައި ކޮންމެވެސް ކަމެއް ކޮށްދޭން ޖެހޭނެ ކަމަށް ހުދު އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.
މި ވީޑީއޯ އިންޓަނެޓުގައި ވައިރަލް ވުމުން އެންމެން ކަހަލަ ގޮތަކަށް ރުޅިއައީ އެ ކުއްޖާ ލައްވާ ތަށި ދޮއްވި މީހުން ދެކެ އެވެ. އަދި މިއީ އެ ޕާޓީއަށް ގޮސް އެތަނުގައި ހުރި އެއްޗެއް ކޭމަ ދޭން ޖެހޭ ވަރަށް ވުރެ މާ ހަރުކަށި އަދަބެއް ކަމަށާއި ދެން އެކަހަލަ ކަމެއް ނުކުރަން އިންޒާރުދީފައި ފޮނުވާލިނަމަ މާ ރަނގަޅުވާނެކަމަށް ވެސް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.
އަނެއް ބަޔަކު ބުނީ ކައިވެނި ޕާޓީތަކަކީ އުފާވެރި ހަފުލާ ތަކަށް ވާތީ އެތަނުން އިތުރު މީހަކު އެއްޗެއް ކާލިޔަސް އެހާ ވަރު އަރުވާލަން ނުޖެހޭނެ ކަމަށެވެ. އެމީހުންގެ އުފަލުގައި އިތުރު މީހަކު ބައިވެރިވުމަކީ ވެސް އިތުރު އުފަލެއް ލިބުނު ކަމަކަށް ހަދާލިނަމަ މާ ރަނގަޅުވީސް ކަމަށެވެ.