ކުޅިވަރު

މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ގޮވައިގެން ކުއާޓާ ފައިނަލަށް

ފުޓްބޯޅަ ކެރިއަރުގައި ލިއޮނެލް މެސީ ކުޅުނު 1000 ވަނަ މެޗުގައި އޮސްޓްރޭލިއާ 2-1 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް އާޖެންޓީނާ ހޯދައިފި އެވެ.

މެސީ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ގޯލު ވެސް ޖަހައިފަ އެވެ. އަދި ގޯލު ޖަހަން އެޓީމުގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނެވެ. މެސީ ކެރިއަރުގައި ހަމަކުރި 1000 މެޗުގައި މިހާރު ވަނީ 789 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗާ އެކު އާޖެންޓީނާ އަށް މެސީ ކުޅުނު މެޗުގެ އަދަދަކީ 169 އެވެ. ކެރިއަރުގައި މެސީ އެންމެ ގިނަ މެޗު ކުޅުނީ ބާސެލޯނާގަ އެވެ. އެޓީމުގައި 778 މެޗު ކުޅުނެވެ. މިހާރުގެ ކްލަބް ޕީއެސްޖީގައި މިހާތަނަށް 53 މެޗު ކުޅެފައިވެ އެވެ.

ރޭގެ މެޗަށް ނެރުނު އާޖެންޓީނާގެ ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ އެންހެލް ޑި މާރިއާގެ ބަދަލުގައި ޕާޕޫ ގޮމޭޒް އަށް ފުރުސަތު ދިނުމެވެ. ޑި މާރިއާ އަށް ފުރުސަތު ނުދިނީ ކުޑަ އަނިޔާއެއްގައި އުޅޭތީ އެވެ. ލަޓާރޯ މާޓީނޭޒްގެ ބަދަލުގައި ކުރި ބެލެހެއްޓީ ހޫލިއަން އަލްވަރޭޒް އެވެ.

މެޗުގެ ފުރަތަމަ ގޯލު 35 ވަނަ މިނެޓުގައި ޖެހީ މެސީ އެވެ. އާޖެންޓީނާ ނިކޮލަސް އޮޓަމެންޑީ ޖައްސާލި ބޯޅަ އޭރިޔާ ތެރޭ ހުރެ ތިރިތިރިން މެސީ ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ. މެސީ ގޯލު ޖެހުމުގެ ކުރިން އާޖެންޓީނާ އަށް އޮސްޓްރޭލިއާގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. އެ ގޯލާ ހަމައަށް އޮސްޓްރޭލިއާ އިން ދިޔައީ ވަރަށް ރަނގަޅަށް އާޖެންޓީނާގެ ކުޅުންތެރިން ހުއްޓުވަމުންނެވެ.

ދެވަނަ ހާފުގައި އާޖެންޓީނާގެ ދެވަނަ ގޯލު ޖެހީ އަލްވަރޭޒް އެވެ. 57 ވަނަ މިނެޓުގައި އަލްވަރޭޒް މި ގޯލު ޖެހީ އޮސްޓްރޭލިއާގެ ގޯލްކީޕަރު މެތިއު ރަޔަން އަތުގައި އޮތް ބޯޅައެއް ފޮނުވާލުމުން ލަސްވުމުން، ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯ ކޮޅަށް ވެސް އަލްވަރޭޒް ވަނީ ގޯލު ޖަހާފަ އެވެ.

އޮސްޓްރޭލިއާ އަށް މެޗުގައި އުއްމީދެއް ލިބުނީ 77 ވަނަ މިނެޓުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ގޯލެއް ވަނުމުންނެވެ. އޭރިޔާ ބޭރުން އޮސްޓްރޭލިއާ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ފެނާންޑޭޒްގެ ފައިގައި ޖެހިފައި ގޯލަށް ވަނީ ވަރަށް ބޮޑަށް މިސްރާބު ބަދަލުވެގެން ގޮހެވެ. އެ ގޯލަށް ފަހު ހިތްވަރު ހޯދައި އޮސްޓްރޭލިއާ އިން އިތުރު ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ.

މި ހާފުގެ ފަހުކޮޅު އޮސްޓްރޭލިއާ އިން ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި އެވެ. ފުރަތަމަ ހަމަލާ ގޯލަށް އަމާޒުކޮށްލި ނަމަވެސް ލިސަންދްރޯ މާޓިނޭޒް ހުށިޔާރުކަމާ އެކު ބްލޮކްކޮށްލި އެވެ. އޭގެފަހުން އިތުރު ވަގުތުގެ ފަހު މިނެޓުގައި ގަރާންގް ކުއޮލް ފޮނުވާލި ބޯޅައެއް ގޯލްކީޕަރު އެމީ މާޓިނޭޒް ހިފެހެއްޓި އެވެ. މެޗުގެ ފަހުކޮޅު އާޖެންޓީނާ އިން ވެސް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އެކަމަކު ލަޓާރޯ އަށް ލިބުނު ހުސް ތިން ފުރުސަތު ގޯލަށް ބަދަލު ނުކޮށްލެވުނެވެ.

ރޭގެ ގޯލާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ މެސީ އަށެވެ. މިފަހަރުގެ މުބާރާތުގައި މެސީ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިހާތަނަށް ތިން ގޯލު ވަނީ ޖަހައިފަ އެވެ. ރޭގެ ގޯލާ އެކު ވޯލްޑް ކަޕްގައި މެސީ ޖެހި ގޯލުގެ އަދަދު ނުވައަކަށް އެރީ އެވެ. މިއީ އާޖެންޓީނާގެ ތާރީހުގައި ވޯލްޑް ކަޕް ލަނޑު ލިސްޓުގެ ދެވަނަ އެވެ. އެއްވަނައިގައި އޮތީ 10 ގޯލު ޖެހި ކުރީގެ ތަރި ގެބްރިއެލް ބަޓިސްޓޫޓާ އެވެ. ތިންވަނައިގައި އޮތީ އަށް ގޯލު ޖެހި ޑިއޭގޯ މަރަޑޯނާ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.

ދެވަނަ ބުރުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިރޭ އަށެއް ޖަހާއިރު ފްރާންސާއި ޕޮލެންޑް ވާދަކުރާއިރު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސެނެގޯލް އާއި އިންގްލެންޑެވެ.