އެޗްޑީސީ

އެޗްޑީސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ޓްރޭނިން ސެޝަނެއް

Dec 4, 2022

ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ހާއްސަ ޓްރޭނިން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެޗްޑީސީ އާ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ގުޅިގެން އަށް ދުވަހަށް ކުރިއަށް ގެންދާ މި ޓްރޭނިން ޕްރޮގްރާމަކީ އެޗްޑީސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމުތަކުން މިހާރު ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާއި އެންމެ ގާތުން މަސައްކަތްތަކުރާ އެއް ބަޔަކީ އެޗްޑީސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމެވެ. މިގޮތުން ރަށު ތަރެ ބެލެހެއްޓުމާއި އެކި ގޮތްގޮތުން ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް މި ޓީމުތަކުން ދަނީ ދެމުންނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ އެންމެ ރަނގަޅު ގޮތްތަކާއި މުއާމަލާތު ކުރުމާއި މައްސަލަތައް ހައްލު ކުރުމާއި ސެލްފް ޑިފެންސް އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރި ކުރުމަށް ސެޝަންތައް ބޭއްވިގެން ދާނެއެވެ.

އެޗްޑީސީގެ މެންޑޭޓްގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނިފައި ވާއިރު ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާއި އެޗްޑީސީ އާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. މިގޮތުން ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޓީމްތަކަށް އެފަދަ ޓްރެއިންތައް ދިނުމަކީ އެޗްޑީސީ އިން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.