ރައީސް އަބްދުﷲ ޔާމީން

ޔާމީނާއި ދެކޮޅަށް ހެކިބަސްދޭން އަންގާ ކަމަށް ތުހުމަތުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގައި ޔާމީންއާއި ދެކޮޅަށް ހެކިބަސްދޭ ހަސްމުންނަށް ދައުވާނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ ކަމަށް ޔާމީންގެ ވަކީލުން ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު އަލީ ޝާހު ވިދާޅުވީ ބައެއް ދައުވާތައް ކުރެވިފައިވާ މީހުންނަށް ޔާމީންއާ ދެކޮޅަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުންގެ ބައެއް ވެރިން އަންގާ ކަމަށެވެ.

ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ގޮތަކަށް ބަޔާންދޭ މީހުންނަށް ދައުވާ ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. ޝާހު ވަނީ އެކަމުގެ އޯޑިއޯ ހެކި އެބަހުރި ކަމަށްވެސް ވިދާޅުވެފަ އެވެ.

ޔާމީންގެ ވަކީލުން މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާންވެސް ވަނީ އިއްވާފަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ. މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ޔާމީންއާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. މައްސަލައިގައި އަދީބު އާއި ޒިޔަތު ވަނީ ކޯޓުގައި ޔާމީންއާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ.

ނަމަވެސް އެ ހެކިތައް ބަލައިނުގަތުމަށް ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.