ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރާނެ ގޮތުގެ އާ ތަސައްވުރެއް ބ.، ނ. އަދި ހދ. އަތޮޅުގެ 11 ރަށަކުން ސަރުކާރުގެ މިނިސްޓަރުންނަށާއި މަޖިލިސް މެންބަރުންނަށް ހުށައަޅައިފި އެވެ.
މި ރަށްތަކުގެ ކައުންސިލް ރައީސުން ވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައި މި ލަނޑުދަނޑިތައް މިނިސްޓަރުންނަށް ހުށަހަޅައި، ލިޔުމެއްގައި ސޮއިކޮށްފަ އެވެ.
މި ލަނޑުދަނޑިތައް އެކުލަވާލާފައިވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގައި ކުރިއަށް ހުރި މަސައްކަތް ރާވަން ސޮނެވާ ފުށީގައި ބޭއްވުނު ވޯކްޝޮޕެއްގަ އެވެ.
ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ:
- އަންނަ އަހަރު ނިމުމުގެ ކުރިން، ރަށު ފެންވަރުގައި ރިސައިކަލް ކުރެވޭ ޒާތުގެ ހުރިހާ ކުންޏެއް ވަކިކުރުމަށްފަހު އެއްކުރުން އަދި އެތަކެތި ސާފުކުރުން
- ރަށްރަށުގައި ނޮން-އޯގަނިކް ކުނި ހާމައަށް އެންދުން ހުއްޓާލުން
- މި ރަށްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ކުރުން
- ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ސްޕެޝަލިސްޓުން ހޯދައި ތަމްރީނުކޮށް، ރަށްތަކުގެ ތެރޭގައި އެ ތަޖުރިބާ ހިއްސާކުރުން
- ރަށްތައް ގުޅިގެން ކުނި މަދުކުރުމަށް ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދިނުން
މީގެ އިތުރުން ރަށު ކައުންސިލް ރައީސުން ވަނީ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށާއި ރަށުތެރެއަށް އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާ ލެވަލްގައި 13 ކަމެއް ކުރަން ކައުންސިލަރުން ސަރުކާރަށް ހުށަހަޅާފައިވެ އެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރަށްރަށާއި މަދަނީ ޖަމިއްޔާތަކާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ރަނގަޅު މިސާލެއް ކަމަށެވެ.
ސޮނެވާ ނަމޫނާ އަކީ ރާއްޖޭގައި ކުނީގެ ގޮތުގައި ބާކީ ކުރެވޭ ތަކެތި މަދުކޮށް، ބާރުވެރި ޒީރޯ ވޭސްޓް މުޖުތަމައުތަކެއް އުފެއްދުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ.
ސޮނެވާ ނަމޫނާގައި ހިމެނެނީ ބ. އަތޮޅުގެ ރަށްތަކެއް ކަމަށްވާ ކިހާދޫ، ދޮންފަނު، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫ އެވެ. ނ. ކުޑަފަރި އާއި ޅޮއްސާއި، މަގޫދޫގެ އިތުރުން ހދ. މަކުނުދޫ އެވެ.