ފިނިޕޭޖް

ދަ ވިޗާ: ބްލަޑް އޮރިޖިންސް މިމަހު ނެރެނީ

ނެޓްފްލިކްސް "ދަ ވިޗާ"ގެ ޕްރީކުއަލް "ދަ ވިޗާ: ބްލަޑް އޮރިޖިންސް"ގެ ޓްރޭލާ ނެރެފި އެވެ.

ހަތަރު ޕާޓްގެ މި މިނީ ސީރީޒް ސްޓްރީމްކުރާނީ މިމަހު 25 ވަނަ ދުވަހު އެވެ. ސީރީޒް ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމާފައިވަނީ ހުރިހާ ޕާޓެއް އެއްކޮށެވެ.

މި ސީރީޒްގައި ފެނިގެންދާނީ "ދަ ވިޗާ" ގައި ފެންނަ ދުނިޔޭގެ 1200 އަހަރު ކުރިން، އެލްވްސް ރަސްކަން ކުރާ ދުނިޔެ އެކެވެ. އަދި ގެއްލިފައިވާ ވާހަކަތަކުގެ އިތުރުން ފުރަތަމަ ވިޗާގެ ޕްރޮޓޯޓައިޕް ހަދާތަނާއި މޮންސްޓާސް، އެލްވްސް، އަދި އިންސާނުންގެ ދުނިޔެ އެއްވާ ތަން ފެންނާނެވެ.

މި ސީރީޒްގެ ކާސްޓްގައި ސޯފިއާ ބްރައުން، ލޯރެންސް އޯ ފުއަރެއިން، މިޝޭލް ޔޯ، މިނީ ޑްރައިވާ، ފްރެންޗެސްކާ މިލްސް އާއި ޒެކް ވަޔަޓް ހިމެނެ އެވެ. އަދި "ދަ ވިޗާ"ގެ ޖަސްކިއާގެ ރޯލް މި ސީރީޒްގައިވެސް ޖޯއީ ބޭޓީ އަދާކުރާނެ އެވެ.

ދާދި ފަހުން "ދަ ވިޗާ"ގެ ލީޑް ރޯލް އަދާކުރަމުންދިޔަ ހެންރީ ކެވިލް ވަނީ ސުޕަމޭން ރޯލަށް ދިއުމަށްޓަކައި ޖެރަލްޓް އޮފް ރިވިއާގެ ރޯލް ދޫކޮށްލާފަ އެވެ. އަދި މި ރޯލަށް ލިއަމް ހެމްސްވޯތް ވަނީ ހޮވާފަ އެވެ.