އަހުމަދިއްޔާ ސްކޫލް

އަހުމަދިއްޔާ ބާއިމާރަތުގެ ބައެއް ތަޅާލައި 10 ބުރިއަށް ހަދަނީ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިމާރާތުގެ ބައެއް ތަޅާލައި 10 ބުރިއަށް ހަދަން ނިންމައިފި އެވެ.

ކުރިން އެސްކޫލުގެ އިދާރީ ބައި ހުރި ދެ ބުރީގެ އިމާރާތް ތަޅާސާފުކުރުމުގެ މަސައްކަތް މިހާރު އެތަނުގައި ކުރިއަށް އެބަދެ އެވެ.

އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އަވަސްއަށް ވިދާޅުވީ މިއީ އެ ސުކޫލުގެ އޮފީސްބައި ހުރި އިމާރާތް ބާވެފައިވާތީ އޮފީސްބައި އާކުރުމަށް ހަދާ އިމާރާތެއް ކަމުގަ އެވެ.

"ވިއްސަކަށް ކްލާސް ރޫމާއި ލައިބްރަރީ މިތަނުގައި ހަދާނެ. އެހެންނަމަވެސް މިއީ އޮފީސް އިމާރަތަށް ހާއްސަކޮށް ހަދާ ތަނެއް،" ޕްރިންސިޕަލް ވިދާޅުވި އެވެ.

މި އިމާރާތް ހެދުމަށް ފެޑޯ ކޮންސްޓްރަކްޝަން ޕްރައިވެޑް ލިމިޑެޓާ ހަވާލުކޮށްފައިވާއިރު އިމާރާތް އެޅުމަށް ހުރިހާ ހަރަދެއްވެސް ކުރަނީ އަހްމަދިއްޔާ އިންޓަނޭޝަންލް ސްކޫލުންނެވެ.

މިމަޝްރޫއަށް 32 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މުހައްމަދު ރަޝީދު ލަފާކުރައްވަ އެވެ.

މިއިމާރާތް ހަދަމުން ދިޔަ ނަމަވެސް ސްކޫލުގެ ޖާގައަށް އަދި ކުދިން ވައްދާ އަދަދަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ޕްރިންސިޕަލް ދެއްވަ އެވެ.

އަހްމަދިއްޔާ ސްކޫލަކީ އެންމެ ގިނަ ދަރިވރުން ކިޔަވާ އެއް ސްކޫލަށް ވާތީ ޖާގައިގެ ދަތިކަން އެ ސްކޫލަށް ކުރިމަތިވެފައިވެ އެވެ. އަހްމަދިއްޔާ ސްކޫލުގައި ކުޑަކުދިން ކުޅޭނެ ގަރައުންޑެއް އަދި ކުޅިވަރު ފަރިތަކުރާނެ ތަނެއް ނޯންނާތީވެސް ދަތިތަކާ ކުރިމަތިވެ އެވެ.