ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގު އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި "ހެލްތް އެންޑް ވެލްނެސް" ކޭމްޕަކާއި ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ވެސް ހިމެނެ އެވެ.
މި ކޭމްޕުގައި ބައިނަލްއަގުވާމީ އަދި ލޯކަލް ސްޕެޝަލިސްޓުންގެ ޓީމަކުން މެޑިކަލް ސްކްރީން ކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ ތެރޭގައި ސްޕީޗް އެންޑް ހިއަރިން ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއާ ތެރަޕިސްޓުން އަދި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓުންގެ އިތުރުން ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.
މި ކޭމްޕްގައި 200 އަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާއާއި އިންކްލޫސިވް ސްޕޯޓްސް ހަވީރެއް ވެސް ބާއްވާފައިވެ އެވެ. މިހަރަކާތްތައް ފައްޓަވާ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މި އިންކްލޫސިވް ފެސްޓިވަލްގައި ކުޅުދުއްފުށި ސިޓީގެ 90 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭޕީޑީގެ ޗެއާޕާސަން އަހުމަދު މުހައްމަދު ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައި 2011 ވަނަ އަހަރުން ފެށިގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން ނުކުޅެދިންކަން ހުންނަ ފަރާތްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.
"މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދުމާއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ބައިވެރިވި ބައެއް ކުދިންނަށް ބައިނަލްއަޤްވާމީ ޕެރަލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ޔަޤީންކަމާއި އިތުބާރު ވަނީ ލިބިފަ" އަހްމަދު ވިދާޅުވި އެވެ.
ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ހަރަކާތްތަކަށް ދިރާގުން ސަޕޯޓު ދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
މުޖުތަމައުތައް ބާރުވެރިކުރުވާ، އެންމެން ޝާމިލުވާ ގޮތަށް މިފަދަ އިޖުތިމާއީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ދިރާގުން އިސްކަންދޭނެ ކަމުގައި ވެސް ބިޝާރާ ވަނީ ވިދާޅުވެފަ އެވެ.