ހިބަޅިދޫ

ހިބަޅިދޫ މާޅޮހު ކައުންސިލާ ހަވާލުކުރުމަށް އެދިއްޖެ

Dec 4, 2022

ބ. މާޅޮހު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ބ. ހިބަޅިދޫ ހިމަނައިދިނުމަށް މާޅޮހު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

މާޅޮހު ކައުންސިލުން މީގެކުރިންވެސް މި ހުށަހެޅުން ރައީސް ސޯލިހަށް ހުށަހެޅި އެވެ.

މާޅޮހު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިބަޅިދޫ ހިމަނައިދިނުމަށް މާޅޮހު ކައުންސިލުން އަނެއްކާވެސް ރައީސް ސޯލިހަށް ހުށަހެޅުއްވީ ރައީސް އޮފީހުގައި މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު އެވެ. މިބައްދަލުކުރެއްވުމުގައި މާޅޮހުގެ ކައުންސިލަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވި އެވެ.

ހިބަޅިދޫ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެމްއެމްޕީއާރްސީން ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެރަށް އޭރު ކުއްޔަށް ދޫކުރީ ބިޒްނާސް މޯލްޑިވްސް އަށެވެ.

ރައީސް ޔާމީން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގުގެ ތެރެއިން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަންގައި އެރަށުގެ ފަޅުތެރެއިންނާއި ރަށުންވެސް ހަތިޔާރުތަކެއް ހޯދާފައިވެ އެވެ. އޭގެ ފަހުން ދުވަސްތަކެއް ވަންދެން އެ ރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފަހުން ޓޫރިޒަމް މިނިސްޓްރީން ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) އާއިއެކު ހަދާފައިވާ އެއްބަސްވުން ވެސް ބާތިލު ކުރި އެވެ.

ދައުލަތުން އެއްބަސްވުން ބާތިލް ކޮށްފައިވަނީ އެމްއެެމްޕީއާރްސީން އެ ރަށް 50 އަހަަރަށް ކުއްޔަށް ދޫކުރުމުން ދައުލަތަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމަށް ބުނެ އެ ބިޒްނަސް މޯލްޑިވްސް އިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ސިވިލް ކޯޓުން ބިޒްނަސް މޯލްޑިވްސް ކޮޅަށް މައްސަލަ ނިމުނު ނަމަވެސް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް މައްސަލަ ނިންމީ ދައުލަތުން އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އޭގެފަހުން ސަރުކާރުން މިރަށް އެއްވެސް ފަރާތަކަށް ދިން ކަމެއް އެނގިފައެއް ނުވެ އެވެ.