ފްރާންސް ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް އޮލިވިއޭ ޖިރޫޑް ހޯދި މެޗުން މޮޅުވެ، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އަލް ތުމާމާ ސްޓޭޑިއަމްގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މިރޭ މޮޅުވީ 1-3 އިންނެވެ.
މެޗުގެ ފުރަތަމަ ގޯލު 44 ވަނަ މިނެޓުގައި ޖެހީ 36 އަހަރުގެ ޖިރޫޑް އެވެ. އޭސީ މިލާންގެ ފޯވާޑް މި ގޯލު ޖެހީ ކިލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މި ގޯލާ އެކު ޖިރޫޑް ވެފައިވަނީ ފްރާންސް ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ޖިރޫޑް 52 ގޯލު ޖެހީ 117 މެޗުންނެވެ. ފްރާންސް ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 51 ގޯލު ޖަހާފައިވާ ކުރީގެ މަޝްހޫރު ފޯވާޑް ތިއެރީ އޮންރީ އެވެ.
ޖިރޫޑަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ އުމުރުން 25 އަހަރުގަ އެވެ. އޭގެފަހުން ޖިރޫޑް އަންނަނީ ގަވައިދުން ގައުމީ ޓީމުގައި ހިމެނެމުންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފްރާންސް ޓީމުގައި ޖިރޫޑް ހިމެނުނެވެ. އެފަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ނުޖެހުނު ނަމަވެސް މިފަހަރު މިހާތަނަށް ޖިރޫޑް ވަނީ ތިން ގޯލު ޖަހައިފަ އެވެ.
މެޗުގެ ބާކީ ތިން ގޯލު ފެނުނީ ފަހުކޮޅު އެވެ. 74 ވަނަ މިނެޓުގައި ފްރާންސްގެ ދެވަނަ ގޯލު ޖެހީ ކިލިއަން އެމްބާޕޭ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ އެމްބާޕޭ ވަނީ ގޯލުގެ މަތީ ކަނަށް ވައްދާލާފަ އެވެ. އޭގެފަހުން އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެމްބާޕޭ އިތުރު ގޯލެއް ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލި އެވެ.
ފަސް ގޯލާ އެކު އެމްބާޕޭ އޮތީ މިފަހަރުގެ ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ. އުމުރުން 19 އަހަރުގައި 2018 ވަނަ އަހަރު އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި ހަތަރު ގޯލު ޖަހައިފަ އެވެ. ވޯލްޑް ކަޕްގެ 11 މެޗުގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު މިހާރު ވަނީ ނުވައަކަށް އަރައިފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ފަސް ގޯލު ޖެހުމުގެ އިތުރުން ދެ ގޯލު ޖަހަން އެމްބާޕޭ ވަނީ އެހީތެރިވެފަ އެވެ.
ފްރާންސް ބޮޑު ލީޑެއްގައި އޮއްވައި މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޯސްކީ ގޯލެއް ޖެހި އެވެ. ލެވަންޑޯސްކީ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކީޕަރު ހޫގޯ ލޮރިސް މަތަކުރީ އެވެ. އެކަމަކު ލޮރިސް އެ ބޯޅަ މަތަކުރުމުގެ ކުރިން ގޯލުގެ ރޮނގު ހުރަސް ކުރުމުން ލެވަންޑޯސްކީ އަށް ރެފްރީ ދެވަނަ ފުރުސަތެއް ދިނީ އެވެ.
ކުއާޓާ ފައިނަލުގައި ފްރާންސް ނުކުންނާނީ މިރޭ އިންގްލެންޑާއި ސެނެގޯލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފްރާންސްގެ އިތުރުން ކުއާޓާ ފައިނަލުން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އާޖެންޓީނާ އާއި ނެދަލެންޑްސް އެވެ.