ފިނިޕޭޖް

30 އަހަރަށްފަހު "މެލްކަމް އެކްސް" ސައުދީގައި ދައްކައިފި

"މެލްކަމް އެކްސް" އަކީ މައްކާގައި ޝޫޓްކުރި ފުރަތަމަ ފިލްމެވެ. އެކަމަކު ސައުދީގައި މި ފިލްމު އާންމުކޮށް ދައްކާލެވިފައި މިވަނީ މި ފިލްމު ޝޫޓް ކުރިތާ 30 އަހަރު ފަހުންނެވެ.

މި ފިލްމް ދައްކާފައިވަނީ ސައުދީގެ ޖިއްދާގައި މިމަހުގެ ތިންވަނަ ދުވަހު ކުރިއަށްދިޔަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގަ އެވެ. 1992 ވަނަ އަހަރު ހެދި މި ފިލްމު ތައާރަފްކޮށްދިނީ ފިލްމްގެ ޑައިރެކްޓަރު ސްޕައިކް ލީ އެވެ.

މެލްކަމް އެކްސް މައްކާގައި ޝޫޓްކުރުމަށް ނިންމި "މޮޔަ ނިންމުމާ" ގުޅޭގޮތުން ސްޕައިކަލް ލީ ބުނީ ކޮންމެ ގޮތަކަށް ނަމަވެސް މެލްކަމް ހައްޖުވި ސީން ޝޫޓްކުރަން ބޭނުންވި ކަމަށެވެ. އެއީ މެލްކަމްއަށް ހަގީގަތުގައި އިސްލާމަކަށް ވީކަން އިހްސާސް ކުރެވުނީ ހައްޖުގައި، އެ ބިމުގައި ހުއްޓައި ކަމަށްވާތީ ކަމަށްވެސް ބުންޏެވެ.

"އެ ދުވަހާ ހިސާބަށް ފީޗާ ފިލްމު ކެމެރާއެއް ދުވަހަކުވެސް ކައުބާއަށް ނުވައްދާ. އެހެނަސް، މާތް ﷲގެ އިރާދަފުޅުން، އިސްލާމީ އެންމެ މަތީ ކޯޓުން ފިލްމުކުރަން ހުއްދަ ދިނީ. އެއީ އަހަރެންގެ ސަބަބަކުންނެއް ނޫން. އެއީ މެލްކަމްގެ ސަބަބުން އިސްތިސްނާކުރި ކަމެއް. އެމީހުންނަށް މެލްކަމް އަކީ ކާކުކަން އެނގުނު،" ސްޕައިކް ލީ ބުންޏެވެ.

ސްޕައިކް ބުނީ މުސްލިމަކަށް ނުވުމުން ފިލްމު ޝޫޓިންއަށް އޭނާއަށް މައްކާއަށް ނުވަދެވުނު ކަމަށެވެ. ނަމަވެސް އޭނާ މުސްލިމު ކެމެރާ ކްރޫއެއް ކުއްޔަށް ހިފައި، އެމީހުން ލައްވާ އެތައް ހާސް މީހުން ކައުބާގައި ހައްޖުވާ ތަން ޝޫޓް ކުރީ ކަމަށެވެ. އަދި އެ ފުޓޭޖްގެ ސަބަބުން، "މެލްކަމް އެކްސް" އަށް ބޭނުންވާ ފަދަ މޮޅުކަމާއި ރޫހާނީ އިހްސާސެއް ލިބުނު ކަމަށްވެސް ސްޕައިކް ބުންޏެވެ.

ވޯނާ ބްރަދާސް އިން މި ފިލްމް ދެ ގަޑިއަރަށް ކުރު ކުރުމަށް ބުނިނަމަވެސް ސްޕައިކް ބުނީ އޭނާ މެލްކަމްއަށް އައި ބަދަލު ދެއްކުމަށް ތިން ގަޑިއިރު ބޭނުންވި ކަމަށެވެ.

މީގެ އިތުރުން ސްޕައިކް ބުނީ މެލްކަމްގެ ރޯލް ކުޅުނު ޑެންޒެލް ވޮޝިންޓަން އަށް އޮސްކާ އަށް ނޮމިނޭޓްވެފައި ނުލިބުމުން އެއީ ނާއިންސާފެއް ކަމަށެވެ.

1925 ވަނަ އަހަރު މެލްކަމް ލިޓްލްގެ ގޮތުގައި އުފަންވި މެލްކަމް އެކްސް އަކީ ދޮން ނަސްލުގެ މީހުންގެ ނަސްލީތަފާތުކުރުން ތަޖުރިބާކުރަމުން ބޮޑުވި މީހެކެވެ.

އޭނާ ކުށުގެ ވެއްޓަށް ހުށަހެޅުމުން ޖަލަށްވެސް ލިއެވެ. އަދި ޖަލުގައި ހުއްޓައި، މެލްކަމްގެ އެއްބަނޑު އެއްބަފާ ކުދިންގެ ނުފޫޒުން "ނޭޝަން އޮފް އިސްލާމް" އެނގި، އެ މޫވްމަންޓްގެ އިސް މީހާ އެލައިޖާ މުހައްމަދު މެދުވެރިކޮށް އިސްލާމްވި އެވެ. އަދި ޖަލުން ނިކުމެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ފަށަ އެވެ. ކުރުކޮށް ބުނާނަމަ، ނޭޝަން އޮފް އިސްލާމްގެ މެމްބަރުންގެ އަމަލުތަކާ ހުރެ މެލްކަމް އެ މޫވްމަންޓުން ވަކިވެ، ފަހުން ވަނީ ސުންނީ މުސްލިމަކަށް ބަދަލުވެފަ އެވެ. ފަހުން މާލިކް އަލް-ޝަބާޒަށް ނަން ބަދަލުކުރި އެވެ.

ދަތިތަކަށްފަހު 1964 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރި އެވެ. 1965 ވަނަ އަހަރު ނޭޝަން އޮފް އިސްލާމްގެ މީހުން އޭނާ މަރަން އުޅޭކަމަށް ބުނެ އެވެ. އަދި އޭގެ 2-3 ދުވަސް ފަހުން އިވެންޓެއްގައި ތިން މީހުން ވެގެން ވަނީ ބަޑި ޖަހާ، މެލްކަމް އެކްސް މަރާލާފަ އެވެ.