ހޮލީވުޑް

އެމެރިކަން ސްނައިޕާ: އެންމެންގެ ސަމާލުކަން މި ފިލްމަށް ހުއްޓުނީ ކިހިނެތް؟

ކްލިންޓް އީސްޓްވުޑް ޑައިރެކްޓްކޮށްފައިވާ މި ފިލްމު މި ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަކަށް އެއްވެސް ބަޔަކު ލަފައެއް ނުކުރެ އެވެ. ނަމަވެސް އާދައިގެ ބަޖެޓަކުން އުފެއްދި މި ފިލްމު ވަނީ މިހާރު ވެސް ބޮކްސް އޮފީހުގައި 147 މިލިއަން ޑޮލަރު ނަގައިފަ އެވެ. ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ ރަސްމީ ޝޯތައް ފެށީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ފުރަތަމަ ހަފުތާ ބަންދުގައި އެކަނި ވެސް ފިލްމު ވަނީ 105 މިލިއަން ޑޮލަރު ނަގައިފަ އެވެ. މިއީ އީސްޓްވުޑްގެ ޑައިރެކްޝަނަލް ކެރިއަރުގެ ވެސް އެންމެ ރަނގަޅު ފެށުމެވެ. އަދި ޖެނުއަރީ މަހެއްގެ ވެސް އެންމެ ރަނގަޅު ފެށުމެވެ.

އޮސްކާގެ ނޮމިނޭޝަނުން ޖާގަ ހޯދުމަށް މިދިޔަ އަހަރު ލިމިޓެޑް ސްކްރީނިންތަކެއް ދެއްކުމަށް ފަހު ފިލްމުގެ ޝޯތައް ވަރުގަދަކޮށްފައި ވަނީ އޮސްކާގެ ހަ އެވޯޑަކަށް ފިލްމު ނޮމިނޭޓްވި ދުވަހުގެ ފަހު ދުވަހު އެވެ. އެހެންވީމަ މި ފިލްމު ބޮކްސް އޮފީހުގައި ރިކޯޑް މުގުރަމުން ދަނީ އޮސްކާގެ "ފީވާ" ގައި މީހުން ޖެހިފައި ތިބި ވަރުން ހެއްޔެވެ؟

ނުވަތަ އީސްޓްވުޑް ފެންވަރުގެ ފަންނާނަކު ޑައިރެކްޓްކޮށްފައިވާ ފިލްމަކަށްވީމަ ހެއްޔެވެ؟ އަނެއްކޮޅުން ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ އޮސްކާގައި މިދިޔަ އަހަރު ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރި ބްރެޑްލީ ކޫޕާ އެވެ. މިއަހަރު އޭނާ އެ އެވޯޑަށް ވާދަކުރަނީ މި ފިލްމުންނެވެ.

ފިލްމުގެ އަނެއް ހާއްސަ ސިފަ އަކީ ފިލްމު އުފައްދާފައިވާ މީހާގެ ހަޔާތެވެ. މި ފިލްމަކީ އެމެރިކާގެ އަސްކަރިއްޔާގެ ތާރީޚުގައި ވެސް ފެނިގެން ދިޔަ އެންމެ ނުރައްކާތެރި ނުވަތަ އެންމެ އަމާޒު ރަނގަޅު ސްނައިޕަރު ކަމުގައިވާ ، ނޭވީ ސީލް ކްރިސް ކައިލްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އިރާގު ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި އެމެރިކާ އިން ސިފަކުރާ މި ކައިލް އަކީ މުޅި އެމެރިކާ ވެސް އެ މީހަކަށް ފަހުރުވެރިވާ ފަރާތެކެވެ. އޭނާގެ ކެރިއަރުގައި، ސްނައިޕަރެއްގެ ގޮތުގައި 255 މީހަކު މަރާލާފައިވާއިރު މިއީ ރިކޯޑް އަދަދެކެވެ.

ކައިލްގެ ވާހަކަ މި އަށް ވުރެ މަޝްހޫރުވެގެން ދިޔައީ 2013 ވަނަ އަހަރު އެމެރިކާގައި ދިން ހަމަލާއެއްގައި މީހަކު އޭނާ މަރާލުމުންނެވެ. އެހެންވީމަ މިހުރީ ހައްތަހާ ވެސް މި ފިލްމަށް ގިނަ ބަޔަކު ޝައުގުވެރިވުމާ ގުޅިފައިވާ ސަބަބުތަކެވެ.

މީގެ އިތުރުން އަނެއް މުހިންމު ސަބަބަކީ މި ފިލްމުގައި މިފަދަ އެހެން ފިލްމުތަކުގައި ހޮލީވުޑުން ނުޖައްސާ ކުލައެއް ޖައްސާފައިވުމެވެ. ކައިލް ގައުމީ ބަތަލަކަށް ހަދާފައިވާއިރު މިއީ އިރާގު ހަނގުރާމާގައި އެމެރިކާ އިން ކުޅުނު ރޯލަށް ވަރަށް ބޮޑަށް ތާއީދުކޮށްފައިވާ ފިލްމެކެވެ. ނުވަތަ ހަނގުރާމަ އަށް ތާއީދުކުރާ ސިޔާސީ މެސެޖުތަކެއް ދޭ ފިލްމެކެވެ.

ފިލްމުގައި މި ކުލަ ޖެހިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ އޭގެ ޑައިރެކްޓަރަކަށް އީސްޓްވުޑް ހުރުމެވެ. އޭނާ އަކީ ހަނގުރާމަކުރަން ފޯރި ހުންނަ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މަޝްހޫރު މެމްބަރަކަށް ވިޔަސް ހަނގުރާމައާ ވަރަށް ބޮޑަށް ދެކޮޅުހަދާ ފަރާތެކެވެ. ވިއެޓްނާމް ހަނގުރާމަ އާއި އިރާގު އަދި އަފްޣާނިސްތާނު ހަނގުރާމަ އަށް ނިކަން ފާޅުގައި ފާޑުކިޔާ ފަރާތެކެވެ.

ނަމަވެސް އޭނާގެ މި ފިލްމަކީ އޭގެ ދިމާ އިދިކޮޅެކެވެ. މުޅި ރިޕަބްލިކަން ޕާޓީ އިން އަދި ހުރިހާ ފާޑުކިޔުންތެރިން ވެސް މި ފިލްމު ސިފަކުރަނީ ހަނގުރާމައާ އެއްކޮޅު ފިލްމެއްގެ ގޮތުގަ އެވެ.

މި މައްސަލާގައި އީސްޓްވުޑް ހުރީ ހިތްހަމަ ވެސް ނުޖެހި އެވެ. އޭނާ ބުނަނީ ފިލްމާ މެދު ދެކެވޭ މި ވާހަކަ އަކީ ބޯހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ ބުނަނީ ފިލްމާ ސިޔާސީ ކުޅިގަނޑަކާ ގުޅުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މި ފިލްމު އުފައްދާފައި ވަނީ ކައިލް، އޭނާގެ ކެރިއަރުގެ މައްޗަށް ލިޔެ ނެރެފައިވާ ފޮތުގެ އަސްލަށެވެ.

ފިލްމުގައި ބްރެޑްލީ ކޫޕާ، ކައިލްގެ ރޯލު އަދާކޮށްފައިވާ ގޮތަކީ މި ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގެންފައިވާ ސަބަބެކެވެ. ފިލްމުގައި ކައިލްގެ ރޯލު ކުޅުމަށް ކޫޕާ ވަނީ 13 ކިލޯ އޭނާގެ ބަރުދަނަށް އިތުރުކޮށްފަ އެވެ.

ފިލްމު ބެލި ކައިލްގެ ހުވަފަތް އަނބިމީހާ ޓާޔާ ކައިލް އާއި އޭނާގެ ގާތް އެކުވެރިން ވެސް ބުނެފައި ވަނީ ކައިލް އާއި ކޫޕާއާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. މި ރޯލުން ކޫޕާ އޮސްކާގެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާއިރު މިދިޔަ ދެ އަހަރު ވެސް އޭނާ މި އެވޯޑަށް ވާދަކުރި އެވެ.