ގާދޫ

ގާދޫ ކޯޓްގެ ދެ މުވައްޒަފުންނާއި 23 މައްސަލަ ފޮނަދޫ ކޯޓަށް ބަދަލުކޮށްފި

Jan 20, 2016

މީހުން ބަދަލު ކުރި ލ. ގާދޫ މެޖިސްޓްރޭޓް ކޯޓްގައި ނުނިމި ހުރި މައްސަލަތަކާއި އެ ކޯޓްގައި ތިބި މުވައްޒަފުން ގާދޫ މީހުން ބަދަލުވި އެ އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލު ކުރަން ސުޕްރީމް ކޯޓްން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން ބުނީ ގާދޫ ރައްޔިތުން ފޮނަދޫ އަށް ބަދަލުކޮށްފައިވާތީ ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރި މައްސަލަތަކާއި އެ ކޯޓުގެ މުވައްޒަފުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މި ނިންމުން އާއިރު ގާދޫއަކީ އާބާދީގައި 500 މީހުން ހަމަނުވާ ރަށަކަށް ވާތީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ދާއިމީ މެޖިސްޓްރޭޓަކު ނުހުރެ އެވެ. ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަނީ ދެމީހުންނެވެ.

ގާދޫ ކޯޓްގެ މުވައްޒަފުންނާއި މައްސަލަތައް ފޮނަދޫ ކޯޓަށް ބަދަލު ކުރި އިރު ނުނިމި ކޯޓްގައި އޮތީ 23 މައްސަލައެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ނިންމާފައިވާއިރު ގާދޫ އަކީ ފަޅު ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި އިއުލާން ކުރައްވަންދެން ގާދޫ ކައުންސިލްގެ މައްސަކަތް ވެސް ފޮނަދޫ ކައުންސިލް އިދާރާއަށް އެލްޖީއޭއިން ވަނީ ބަދަލުކޮށްފައެވެ.