ސެލެބްރިޓީންނަށް ވަކި ބަރުދަނަކަށް އަދި ވަކި ގޮތަކަށް ސިފަ ބެހެޓުމުގެ ޕްރެޝަރު ބޮޑެވެ. މިކަމަކީ ސޯޝަލްމީޑިއާ އާއި ޑިޖިޓަލް ޒަމާނުގައި ކުރިއަށްވުރެ ވެސް މާބޮޑަށް ބަލަންޖެހިފައި އޮތް ކަމެކެވެ.
ގިނަ ވިޔަފާރިތަކާއި ފިލްމު ސްޓޫޑިއޯތަކާއި ޑިރެކްޓަރުންވެސް ބޭނުންވަނީ ހިކިކޮށް ލޫޅާފަތިކޮށް އަދި ދޮންކޮށް ރީތިކޮށް ތިބޭ ސްޓާރުން އެމީހުންގެ ފިލްމުގައި ނޫނީ އިޝްތިހާރުތަކުގައި އެކްޓްކުރުމަށެވެ. އެހެންކަމުން ކާމިޔާބީއަށް އެދޭ ގިނަ އަންހެނުން ރީތިވުމުގައި އަބަދުވެސް މިންގަނޑެއް ގެންގުޅެ އެވެ.
"ޓައިޓޭނިކް"، "ސެންސް އެންޑް ސެންސިބިލިޓީ"، "ފައިންޑިން ނެވާލޭންޑް"، "ރެވޮލިއުޝަނަރީ ރޯޑް" އާއި "ދަ ރީޑާ" ފަދަ އެވޯޑް ލިބިފައިވާ ފިލްމްތަކުގެ ލީޑް ރޯލް ކުޅެ، އެކަޑަމީ އަދި އެހެނިހެން އެވޯޑްތައްވެސް ހޯދާފައިވާ އެކްޓްރަސް ކޭޓް އަކީ ހޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ތެރޭގައި ހިމެނޭ އެކްޓްރެސް އެކެވެ.
އުމުރުން 47 އަހަރުގެ ކޭޓްގެ ކެރިއަރުގެ ކުރީކޮޅު އޭނާ ހުރީ މިހާރު ހުންނަހާ ލޫޅާފަތިކޮށެއް ނޫނެވެ. ކޭޓްގެ ބަރުދަނާ ބެހޭގޮތުން އޭޖެންޓަށް ކޯލްތަކެއް އައިކަމަށް ސަންޑޭ ޓައިމްސް އަށް ދިން ކޭޓް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. ފަލަކަށް ބުނެ ބައެއް މީހުންގެ މަލާމާތުގެ ބަސްތައް އަމާޒުވި ކަމަށްވެސް ބުންޏެވެ.
ކޭޓް ބުނީ މިހާރު އޭނާ ހުރި އުމުރުގައި އޭނާ ހަރަކާތްކޮށްލާ ގޮތަކުންވެސް ހަށިގަނޑުގެ ބައްޓަން ހުންނަ ގޮތް ބަލައި ފާޑުކިޔާ މީހުން އުޅޭ ކަމަށެވެ. ހަށިގަނޑަށް ފާޑުކިޔާތީ ކުރީގައި ކޮންމެ ދުވަހަކު ހެނދުނު ނޫސް ބަލަން ޖެހިލުންވި ކަމަށްވެސް ބުންޏެވެ. އަދި މިހާރު ފާޑުކިޔުން ބޮޑަށް އަމާޒުވަނީ ސޯޝާލްމީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމްތަކުން ކަމަށްވެސް ކޭޓް ބުންޏެވެ. އެހެންވެ މިހާރު ވިދަމުން އަންނަ ޒުވާން ތަރިން ސިފަ އާއި އަމަލުަތަކަށް ސަމާލުވުމަށްވެސް ކޭޓް އެދިފައިވެ އެވެ.
ކޭޓް ވިންސްލެޓް އެންމެ ފަހުން ފެނިގެން ދިޔައީ "މެއާ އޮފް އީސްޓްޓައުން" ޝޯއިންނެވެ. އޭގައި ކޭޓް ކުޅުނު ރޯލުން އޭނާއަށް ވަނީ އެމީ އެވޯޑެއް ލިބިފަ އެވެ. ދެން ކޭޓް ފެނިގެންދާނީ ޖޭމްސް ކެމަރަންގެ ކުރިއަށް އޮތް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އިންނެވެ.
މީގެ އިތުރުން ކޭޓް ހަރަކާތްތެރިވާ "ލީ"ގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަޔް ކުރިއަށްދާއިރު ކޭޓް، އޭނާގެ 22 އަހަރުގެ ދަރިފުޅު މިއާ ޓްރިޕްލްޓަންއާ އެކު "އައި އެމް ރޫތް" ކިޔާ ފިލްމެއް ވެސް ކުޅެމުން އެބަދެ އެވެ.