މަސްތުވާތަކެތި

ރާއްޖެއަށް ޑްރަގު އެތެރެކުރި މީހަކު ކޯޓަށް ފިލައިގެން އުޅޭތީ ހޯދަނީ

Dec 5, 2022

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ކޯޓަށް ހާޒިރުކުރަން ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބ. ކަމަދޫ، ސުވާސާގެ، މުހައްމަދު ރާފިލް ރިޔާޒު (24އ) އެވެ.

ފުލުހުން ބުނީ ރާފިލް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ރާފިލް ހޯދަނީ ދައުލަތުން ދައުވާކުރާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ.

ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ރާފިލް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

ފުލުހުން ވަނީ ރާފިލްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.