ފިނިޕޭޖް

ނެޓްފްލިކްސްގެ ބިޒްނަސް މޮޑެލް ބެންއަށް ކަމަކުނުދޭ

ކޮލިޓީއަށްވުރެ ކޮންޓިޓީ ނުވަތަ އަދަދު ގިނަ ކުރާ ނެޓްފްލިކްސްގެ ބިޒްނަސް މޮޑެލް، ފިލްމީ ތަރި، ޑައިރެކްޓަރު އަދި ރައިޓަރު ބެން އެފްލެކް އަށް ކަމުނުދާ ކަމަށް ބުނެފި އެވެ.

ދެ ފަހަރަށް އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ބެން އެފްލެކް މިހެން ބުނީ ދަ ނިއުޔޯކް ޓައިމްސްގެ ޑީލްބުކް ސަމިޓްގައި ސުވާލާއި ޖަވާބު ސެގްމެންޓެއްގަ އެވެ.

ބެން ބުނި ގޮތުގައި އޭނާއާއި ބެސްޓްފްރެންޑް އެކްޓަރު، ޑައިރެކްޓަރު އަދި ރައިޓަރު މެޓް ޑޭމަންއާ އެކު އަލަށް އުފެއްދި "އާޓިސްޓްސް އިކުއިޓީ" އިން އުފައްދާނީ ކޮމާޝަލީ މަގުބޫލު އަދި 20 އަހަރު ފަހުންވެސް ހަނދާން ހުންނަ ފިލްމުތައް ކަމަށެވެ.

ކޮލިޓީ އާއި ކޮމާޝަލް ފިލްމުގެ ތަފާތެއް ނެތްކަމަށް ދެކޭ ކަމަށާއި ނެޓްފްލިކްސްއަށް އިޝާރާތްކޮށް ބުނީ އެހާ ގިނަ އަދަދެއްގެ ފިލްމް ނެރުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.

ނެޓްފްލިކްސްގެ ސީއީއޯ ރީޑް ގާތު އަހައިފިނަމަ، އޭނާ ބުނާނެ އެމީހުން ބެލީ އަދަދު ގިނަ ކޮށްގެން ފިޔަވަޅުގެ ނިޝާން އެޅުމަށް ކަމަށް. އެކަމުގައި ވިސްނުން ހުރެ، ރަނގަޅު ސްޓްރެޓަޖީއަކަށްވެސް ވެދާނެ... އެކަމަކު އަހަރެންނަށް ސުވާލުކުރެވޭނީ ކިހިނެތްތޯ 50 މޮޅު ފިލްމު ހަދާނީ؟ ކިހިނެތްތޯ އެކަން ކުޅަދާނަ ވެގެންވާނީ؟ އެވަރުގެ ބޮޑު ކޮމިޓީއެއްވެސް ނޯންނާނެ. އެކަމެއް ނުވާނެ،" ބެން އެފްލެކް ބުންޏެވެ.

ބެން ބުނީ ފިލްމް ހެދުމަކީ ޝައުގުވެރިކަމާއި ސަމާލުކަމާއި ވަގުތު ބޭނުންވާނެ ކަމެއް ކަމަށާއި ކޮންމެ ކޮންމެ ގޮތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ނެޓްފްލިކްސްގެ ހެޑް އޮފް އޮރިޖިނަލް ފިލްމު ޕްރޮޑަކްޝަން ސްކޮޓް ސްޓޫބާ އަކީ ބެންއަށް ކަމުދާ ޓެލެންޓް ހުރި މީހެއް ކަމަށްވީ ނަމަވެސް އެއް ފަހަރާ މޮޅު ގިނަ ފިލްމުތަކެއް އުފެއްދުމަކީ ނުވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ބެން އިތުރަށް ބުނީ އެކި ޖޮންރާގެ ފިލްމު އެކި ވަރަށް ހިނގާނެ ކަމަށާއި ނިސްބަތުން ކުދި ޑްރާމާއަށްވުރެ އެކްޝަން ފިލްމު ބެލުންތެރިން މާގިނައިން ބަލަމުންދާ ކަމަށާއި އަދި މޮޅަށް ހިނގާ ޖޮންރާތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ބެން އާއި މެޓްގެ ކުންފުންޏާ ގުޅޭގޮތުން ބެން ބުނީ އެންޓަޓެއިންމަންޓް އިންޑަސްޓްރީ ބިނާވެފައިވަނީ ވަރުގަދަ ޕާޓްނަޝިޕްތަކެއްގެ މައްޗަށް ކަމަށެވެ. އާޓިސްޓް އިކުއިޓީ އަކީ ޕާޓްނާޝިޕްގެ އަގުވަޒަންކުރާ ކްރިއޭޓާ-ފޯކަސްޑް ކުންފުންޏެއް ކަމުގައިވެސް ބުންޏެވެ.

ބެން އެފްލެކް އާއި މެޓް ޑޭމަން ހޮލީވުޑަށް ތައާރަފްވީ 1997 ގައި ލިޔެ އަދި ކޯ-ސްޓާކުރި "ގުޑްވިލް ހަންޓިން" އިންނެވެ. މި ފިލްމަށް ދެ އޮސްކާ ލިބިފައިވެ އެވެ. އަދި "އާގޯ" އިން ވެސް ބެން އަށް ވަނީ އޮސްކާ ލިބިފަ އެވެ.