ޑރ. އަބްދުﷲ މައުސޫމް

"ބިމުކުލި ކުޑަ ކުރިފަހުން ރިސޯޓު ހެދުމުގެ ޝައުގުވެރިކަން ބޮޑު: މިނިސްޓަރު

އެކި ސަރަހައްދުތަކަށް އެކި ބިމު ކުލި ކަނޑައެޅިފަހުން ރިސޯޓުތައް ހެދުމުގެ ޝައުގުވެރިކަން ވަރަށް ގިނަ އިންވެސްޓަރުން ފާޅުކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެކި ބިމު ކުލި ކަނޑައަޅައި އަދި ބައެއް ސަރަހައްދުތަކުގެ ބިމު ކުލި ކުޑަކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑްގެ ތެރޭގައި ކުރިމަތިވި އިގްތިސާދީ ބޮޑު ހީނަރުކަމާ ގުޅިގެން އިންވެސްޓަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުން އުތުރާއި ދެކުނުގައި މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތަކުގެ ސަބަބުން ވަރަށް ގިނަ އިންވެސްޓަރުން ރިސޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރު އާރްޓީއެލްގެ ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާގެ މަޝްރޫތަކުގެ އިތުރުން އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ސަބަބުން ވަރަށް ގިނަ އިންވެސްޓަރުންގެ އިތުބާރު އަޅުގަނޑުމެންނަށް ލިބިފައި އޮތީ،" މައުސޫމް ވިދާޅުވި އެވެ.

ބިމު ކުއްޔަށް ގެނައި ބަދަލާއި އެކު އުތުރާއި ދެކުނު ތަރައްގީ ވެގެންދާނެކަން ފާހަގަކުރައްވަމުން މައުސޫމް ވިދާޅުވީ ރިސޯޓުތައް ހުޅުވާ ވަރަކުން އެ ސަރަހައްދުތަކުން އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ. އަދި ރަނގަޅު ފެރީގެ ނިޒާމަކުން ރަށްތައް ގުޅާލެވިފައި އޮތުމުން ރަށްތަކުގައިވެސް ފަތުރުވެރިކަން ފުޅާ ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި 8،000 އެނދު ގާއިމުވެގެން ދާނެކަމުގެ ޔަގީންކަން މިހާރު އެބަ އޮތް ކަމަށެވެ.

"އަލަށް ތަރައްގީ ކުރާ ރިސޯޓުތަކުގެ އިތުރުން ރަނގަޅު ފެރީގެ ނިޒާމެއް އޮތުމުން ރަށްރަށަށްދާ ފަތުރުވެރިންނަށް ރަށްރަށުން ހިދުމަތް ދިނުމަށް އިތުރު އެނދު ގާއިމު ކުރާނެ. އެހެންވީމާ 8،000 އެނދުގެ ޓާގެޓަށް ރީޗް ވާނެ،" މައުސޫމް ވިދާޅުވި އެވެ.

ބިމުކުލި ކުޑަ ކުރަން ސަރުކާރުން ނިންމީ ސަރުކާރުގެ ވައުދެއް ކަމުގައިވާ މިނިމަމް ވޭޖު ތަންފީޒު ކުރަން ފެށުމުން ރިސޯޓުތަކަށް ލިބޭ މާލީ ގެއްލުންތަކެއް ހުރުމުން އެ ގެއްލުމުގެ އަސަރު ކުޑަކުރުމަށެވެ.

މިނިސްޓަރު މީގެ ކުރިން މަޖިލީހުގައި ވިދާޅުވީ ބިމު ކުއްޔަކީ ދައުލަތަށް އާމްދަނީ ހޯދަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ބިމު ކުލި ކުޑަކުރުމުން ގިނަ ރިސޯޓުތަކެއް އަވަހަށް ހުޅުވަން ފަސޭހަވެ، ޓެކްސް އަށް ލިބޭ އާމްދަނީ މާބޮޑަށް ވެސް އިތުރު ވާނެ ކަމުގައި ވިދާޅުވި އެވެ.