އޭސިއަން ޑިވެލޮޕްމެންޓް ބޭންކް

ގެވެށި އަނިޔާގެ ލިބޭ މީހުންނަށް ހާއްސަ މަރުކަޒުތަކެއް އަޅަނީ

ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ހިންގަން ނިންމާފައިވާ "ޖެންޑާ އީކުއަލިޓީ ހޮލިސްޓިކް" ޕްރޮޖެކްޓެއް ހިންގުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 7.51 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

މިމަޝްރޫއުގެ ދަށުން ދިވެހި ސަރުކާރުން އަންހެނުންނަށް ހަމަހަމަ ހައްގުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ހުރި ހުރަސްތައް ނައްތާލުމަށް އޭޑީބީއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މިގޮތުން ހުޅުމާލެ، ރ. އުނގޫފާރު އަދި އައްޑޫގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ތިބެވޭނެ ފަދަ މަރުކަޒުތަކެއް ބިނާކުރާނެ އެވެ.

"މިއީ ރާއްޖޭގައި މިންތީގެ ހަމަހަމަކަމާ މެދު ގެންގުޅޭ އުސޫލުތައް ވަރުގަދަކޮށް ރާއްޖޭގައި މިންތީގެ ފަރަގު ކުޑަކުރުމަށް އޭޑީބީއާ ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް،" އޭޑީބީގެ އާބަން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް ފޯ ސައުތު އޭޝިއާ ޝާލީން ލިއޯ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ފަންނީ ކަންކަމަށް އެކަނި ވެސް 2.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރެއިން 500،000 ޑޮލަރު އޭޑީބީގެ ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑުން ރާއްޖެއަށް ދޭން ހަމަޖެހިފައިވާއިރު ބާކީ ދެ މިލިއަން ޑޮލަރު ދޭނީ ޖަޕާން ސްޕެޝަލް ފަންޑުންނެވެ.

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭގެ 2016 އަދި 2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 15–49 އަހަރުގެ އަންހެނުންގެ ތެރެއިން 17 ޕަސަންޓް އަންހެނުންނަށް އުމުރުން 15 އަހަރުން ފެށިގެން ޖިސްމާނީ އަނިޔާ ލިބެ އެވެ. އަދި 11 ޕަސަންޓް އަންހެނުންނަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ޖިންސީ އަނިޔާ ތަޖުރިބާކުރަން ޖެހެ އެވެ.