މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން

5ކޭ ޓީމް ރަންގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އާ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ "5ކޭ ޓީމް ރަން"ގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުލަބް ސްޕޯޓްސްކޯ އިން އިންތިޒާމުކޮށްގެން ބާއްވާ މި ރަން އޮންނާނީ ކުރިއަށް އޮތް ޖެނުއަރީ 13 ވަނަ ދުވަހުގެ ހެނދުނު 6:30 ގައެވެ. މި ރަން ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މިރަންގެ މަގުސަދަކީ ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރިކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމުގެ ގޮތުން އެކުވެރި މާހައުލެއްގައި ދުވެލުމަށް ފުރުސަތު ހޯދައިދިނުމެވެ.

ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން ޖަމިއްޔާތަކަށް ވެސް މިރަންގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރަންގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމަނަންޖެހެ އެވެ. އަދި ކޮންމެ ޓީމަކުންވެސް ދުވުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރެވެ. ޓީމުތަކުން ދުވުން ނިންމި ކަމަށް ބަލަނީ ޓީމުތަކުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުންނެވެ.

މި ރަންގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމު ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖްގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހުންވެސް ލިބެން ހުންނާނެ އެވެ. ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމިހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

ރަންގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.