އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ މަރާ ގުޅިގެން ޝައްކުކުރެވޭ ސިފައިންނާ ސުވާލުކުރުމަށް އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށް މަގާމުން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގެންފައި ހުންނެވި އިޒްރޭލުގެ ބޮޑުވަޒީރު ޔައީރު ލަޕީދު ވިދާޅުވެއްޖެ އެވެ.
ޔައީރު ލަޕިދު ޓްވީޓްކުރައްވައި ވިދާޅުވި ގޮތުގައި އިޒްރާއިލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސިފައިންނާ އެއްވެސް މީހަކަށް ސުވާލު ނުކުރެވޭނެ އެވެ. އޭނާ އަދި ވިދާޅުވީ ހަނގުރާމަ ކުރުމުގެ ސުލޫޚާ ބެހޭ ގޮތުން އިޒްރޭލަށް އުނގަނައިދެވޭ ވަރުގެ ބަޔަކު ނެތް ކަމަށެވެ.
އިޒްރޭލުން އެވެނި ކަމެއް އަދި މިވެނި ކަމެއް ކުރަން ޖެހޭނީ އެވެނި، މިވެނި ގޮތަކަށް ކަމަށް ބުނެ ގޮތްފޮތް ކިޔުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ވިދާޅުވެ ލަޕީދު ވިދާޅުވީ އެއީ އަމުދުން އަލްޖަޒީރާއަށް އޮތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު މި މޭރުމުން ޓްވީޓްކުރެއްވީ އަލްޖަޒިރާއިން ކުރި އިއުލާނަކާ ގުޅިގެންނެވެ.
ހުޅަނގު އައްސޭރީގައި ޚަބަރު ހޯދަން އުޅެނިކޮށް އިޒްރޭލު ފުލުހުން މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ މައްސަލަ ބަލައިދިނުމަށް އެދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް (އައިސީސީ) އަށް ހުށަހަޅާފައި ވާނެ ކަމަށް އަލްޖަޒީރާ ނެޓްވޯކުން ވަނީ ބުނެފަ އެވެ.
ގަތަރުގެ ދޯހާގައި ހިންގާ ޓީވީ ނެޓްވޯކުން ބުނީ ބައިނަލް އަގްވާމީ މުޖުރިމުންގެ ކޯޓަށް މައްސަލަ ހުށަހެޅި ސާބިތުކުރެވޭ ވަރަށް ހެކި ހިމަނާފައި ކަމަށެވެ.
އޭގެ ތެރޭގައި އިޒްރޭލު ސިފައިން ޝީރީން އަދި އޭނާގެ ބައިވެރިންނަށް ހަމަލާދޭން ރާވަމުން ދިޔަ މަންޒަރުތައް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭނާގެ މަރަކީ އިޒްރޭލު ސިފައިން ގަސްދުގައި ދިން ހަމަލާއަކުން ހިނގި ހާދިސާއެއް ކަމަށް އަލްޖަޒީރާ ނެޓްވޯކުން ބުނެ އެވެ.
ޝީރީންގެ މަރާ ގުޅިގެން އދ. އިން ހޯދި ހޯދުންތަކަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަލްޖަޒީރާގެ ނޫސްވެރިޔާގެ ފުރާނަ ދުއްވާލި އުންޑަ އަކީ އިޒްރޭލު ސިފައިންގެ ބަޑިއަކުން ނުކުތް ވަޒަނެއް ކަމަށް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރެއްވިފައިވާ ކަމަށެވެ.
ޝީރީން މަރާލާފައި ވަނީ މިއަހަރު މެއި 11 ގައި އިޒްރޭލު ސިފައިން ފަލަސްތީންގެ ބިންތަކުގައި ހިންގަމުން ގެންދިޔަ އުދުވާންތައް ވީޑިއޯކޮށް ޚަބަރަށް މައުލޫމާތު ހޯދަނިކޮށެވެ. އެއިރު އޭނާގެ އުމުރަކީ 51 އަހަރެވެ.