އިންޑިއާނާގެ އަންހެނެއްގެ މަރުވެފައިވާ އަންހެން ދަރިފުޅުގެ ހިތުގެ ތެޅުން 68 އަހަރުގެ ފިރިހެނެއްގެ މެއިން ފުރަތަމަ ފަހަރަށް އިވުނު ފަހަރު އެމީހާއަށް ވަރަށް އަސަރުކޮށްފި އެވެ.
އެ އަންހެން މީހާގެ ދަރިފުޅު މަރުވުމުން އޭނާގެ ހިތް ވަނީ މި ފިރިހެން މީހާއަށް ހަދިޔާކޮށްފަ އެވެ.
އަންހެން މީހާއަށް ފުން އަސަރުތަކެއް ކުރީ އޭނާއަށް އަޑު އިވުނީ އެހެން މީހެއްގެ ހަށިގަނޑުގައި އޮތް ނަމަވެސް އޭނާގެ އަމިއްލަ ދަރިފުޅުގެ ހިތުގެ ތެޅުމަށް ވީތީ އެވެ.
އަންހެން މީހާ އެމްބާ މޯގަން އާއި އޭނާގެ ދަރިފުޅުގެ ހިތް ޓްރާންސްޕްލާންޓް ކޮށްފައިވާ ޓޮމް ޖޯންސަން ފުރަތަމަ ފަހަރަށް ބައްދަލުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ އެންޑްރިއޯނާ ވިލިއަމްސްގެ ހިތް އޭނާގެ ހަށިގަނޑަށް ޓްރާންސްޕްލާންޓް ކުރިތާ ހަތަރު އަހަރު ފަހުންނެވެ. އުމުރުން 20 އަހަރުގައި އެންޑްރިއޯނާ މަރުވީ ނޭވާ ހިތްލުމުގެ މައްސަލަތަކެއްގައި އިތުރަށް ހާލު ގޯސްވެގެންނެވެ.
ޗިކާގޯގެ ހޮޓަލެއްގައި އެންޑްރިއޯނާގެ މަންމަ އާއި ޖޯންސަންގެ ޚާއްސަ ބައްދަލުވުމެއް އިންތިޒާމްކޮށްދިނީ ދަ އިންޑިއާނާ ޑޯނާ ނެޓްވާކް އިންނެވެ.
މި ބައްދަލުވުމުގައި ސްޓެތެސްކޯޕެއްގެ ޖޯންސަންގެ މޭގައި ޖައްސައިގެން އެމްބާ މޯގަން ވަނީ އޭނާގެ ދަރިފުޅުގެ ހިތުގެ ތެޅުން އަޑުއަހާފަ އެވެ. އެމްބާ ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ގައިގައި ބައްދާލެވުމުން ކުރެވޭ ކަހަލަ އިހްސާސެއް އެވަގުތު އޭނާއަށް ކުރެވުނެވެ.
"މަންމައެއްގެ ހައިސިއްޔަތުން ދަރިފުޅުގެ ހިތުގެ ތެޅުން ފުރަތަމަ ފަހަރަށް އަޑު އިވޭނީ ބަނޑުގައި އޮންނަ ދުވަސްވަރު. ވިހެއުމަށްފަހު އެގޮތަށް ދަރިފުޅުގެ ހިތުގެ އަޑުއަހަން ޖެހޭ ފަދަ ހާލަތެއް ދިމާވެދާނެ ކަމަކަށް އެއްވެސް މީހަކު ހިޔެއް ނުކުރާނެ،" އެމްބާ ބުންޏެވެ.
މިއީ ވަރަށް އަޖައިބުކުރުވަނިވި އުފަލެއް ލިބުނު ތަޖުރިބާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މި ބައްދަލުވުން ހަމަޖެހުނީ އިލިނޮއިގެ ކަންކަކީގައި ދިރިއުޅޭ ޖޯންސަން 2019ގައި އެންޑްރިއޯނާގެ މަންމަ އެމްބާއަށް ފޮނުވި ސިޓީ އަކާ ގުޅިގެންނެވެ. އެއީ ޗިކާގޯގެ ރަށްބޭރުގައި ހުންނަ ލޮޔޯލާ ޔުނިވަސިޓީ މެޑިކަލް ސެންޓަރުގައި އޭނާގެ ހިތުގެ ޓްރާންސްޕްލާންޓް ހެދިތާ އެއް އަހަރު ފަހުން ފޮނުވި ސިޓީ އެކެވެ. އޭނާގެ އެ ސިޓީގެ މަގުސަދަކީ އޭނާއަށް ދަރިފުޅުގެ ހިތް ހަދިޔާކޮށްގެން އެ އާއިލާއިން ވެދިން އެހީތެރިކަމަށް ޝުކުރުއަދާ ކުރުމެވެ. ނަމަވެސް އެ ފަހަރު ޖޯންސަން ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ.
އޭގެ ފަހުން ދެވަނަ ސިޓީއެއް ވެސް އޭނާ ފޮނުވި އެވެ. ނަމަވެސް އެ ސިޓީއަށް ވެސް ޖަވާބެއް ނުލިބި އޮވެފައި އެމްބާ ދާދިފަހުން ޖޯންސަން އަށް ސިޓީއެއް ފޮނުވައި އޭނާއާ ބައްދަލުކޮށްލަން އެދުނީ އެވެ.
އެމްބާ ބުނި ގޮތުގައި ޖޯންސަން އާ ބައްދަލުކޮށްލަން ބޭނުންވީ ޚުދު އޭނާއަކީވެސް މިހާރު ހިތުގެ ބަލި މީހަކަށް ވާތީ ޖޯންސަންގެ ޝުއޫރުތައް ހުންނާނެ ގޮތް އިހްސާސް ކުރެވިގެންނެވެ.
ޖޯންސަން އަކީ ވަރަށް ކުޑައިރުއްސުރެ ހިތުގެ މައްސަލަތައް ދިމާވަމުން އައި މީހެކެވެ. ޕޭސްމޭކާ ލައްވައިގެންނާއި އެނޫންވެސް ގޮތްގޮތުން ގިނަ ދުވަސްތަކަކު އޭނާގެ ހިތުގެ ހިނގުން ރަނގަޅުކުރަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މީގެން އެއްވެސް ގޮތަކުން ހިތް ރަނގަޅު ނުކުރެވިގެން ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އެހެން ހިތެއް ޓްރާންސްޕްލާންޓް ކުރުން ކަމަށް ޑޮކްޓަރުން އޭނާ ކައިރީގައި ބުންޏެވެ.
ނަސީބަކުން އެންޑްރިއޯނާގެ ހިތް އޭނާއާ މެޗުވެ ޓްރާންސްޕްލާންޓް ކުރެވޭގޮތް ވީއެވެ. އޭގެ ފަހުން ޖޯންސަން އުޅެމުންދަނީ ވަރަށް އެކްޓިވް ދިރިއުޅުމެކެވެ. ބަގީޗާގައި ގަސް ހެއްދުމާއި ބައިސްކަލް ދުއްވުން ފަދަ ކަންތައްތައް ކޮށްލާކަށް މިހާރު އޭނާއަކަށް އެއްވެސް ކަމެއް ނޫނެވެ. ހުރިހާވެސް ޝުކުރުއް އެ އާއިލާއިން އަދާކުރަނީ އެންޑްރިއޯނާ އަށެވެ.
"އޭނާގެ (އެންޑްރިއޯނާ) ހިތަށް ޖޮންސަން ވަރަށް ފަރުވާ ބަހައްޓާ. ހިތަށް ކަމެއް ދިމާވެދާނެތީ ފަރުވާތެރިކަމާއެކު ބޭސް ވެސް ކައި،" ޖޯންސަންގެ އަންހެނުން ބުންޏެވެ.