ލައިފްސްޓައިލް

ގާތިލުކަން ސާބިތުވެ ހަތް އަހަރު ޖަލުގައި ހުރިފަހުން "މަރުވި މީހާ" ފެނިއްޖެ

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަލީގަޅްގެ މީހުންނަށް ޝޮކެއް ލިބޭވަރުގެ ހާދިސާއެއް ހިނގައިފި އެވެ. މީގެ ހަތް އަހަރު ކުރިން މަރުވެފައިވާ ކަމަށް ކޯޓުން ނިންމާފައިވާ ކުއްޖެއް ދިރިހުއްޓާ ފެނިގެންނެވެ. އެ އަންހެންކުއްޖާ ދިރިހުއްޓާ ފެނުނުއިރު އޭނާ އުޅެނީ ކައިވެނިކޮށްގެން ވަރަށް އުފަލުގަ އެވެ.

މި މައްސަލައިގައި އެންމެ ހައިރާންވާ ކަމަކަށް ދިމާވި ކަމަކީ މި އަންހެންކުއްޖާ މަރާލިކަމުގެ ކުށް ކޯޓަށް ސާބިތުވެގެން ފިރިހެނަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށް އެ މީހާ ޖަލުގައި ހުންނަތާ ވެސް ހަތް އަހަރު ވެފައި ވާތީ އެވެ.

ވިޝްނޫ ނަމަކަށް ކިޔާ މި މީހާ ޖަލުގައި ހުންނަތާ ހަތް އަހަރު ވެފައިވާއިރު އޭނާ މަރާލިކަމަށް ބުނާ އަންހެންކުއްޖާ ފިލައިގެން ގޮސް ހަތަރަސް ޑިސްޓްރިކްޓްގައި ހުރި ގެއެއްގައި ދިރިއުޅެމުން ދިޔަކަން ފަޅާ އެރީ މިފަހަކުންނެވެ.

ހަތަރަސް ފުލުހުން ބުނަނީ އެ އަންހެންކުއްޖާ އޭނާ ރައްޓެހިވެގެން އުޅުނު މީހާ އާއެކު ގެއިން ފިލައިގެން ގޮސް ކައިވެނިކުރީ ކަމަށެވެ. އަންހެންކުއްޖާ އަކީ އެހެން އަވަށެއްގެ ކުއްޖެއް ނަމަވެސް އޭނާގެ ލޯބިވެރިޔާ އާ ކައިވެނި ކޮށްގެން ހަތަރަސް ޑިސްޓްރިކްޓަށް ދިރިއުޅުން ބަދަލުކުރީކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނެފައި ވެއެވެ.

ވިޝްނޫގެ މަންމައަށް މި ޚަބަރު ލިބިގެން އޭނާގެ ދަރިފުޅަށް ނުހައްގުން އަދަބު ލިބެން މެދުވެރިވީ އަންހެންކުއްޖާއަށް ހަރުކަށި އަދަބު ދިނުމަށް އެދި ފުލުހުންނަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އޭނާގެ ދަރިފުޅުގެ ކުށެއްނެތްކަން ކޯޓުގައި ސާބިތުކޮށްދޭން ވިޝްނޫގެ މަންމަ މިހާރު ގެންދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ މަރާލިކަމަށް ބުނާ އަންހެންކުއްޖާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އަލީގަޅް ކޯޓަކަށް ހާޒިރުކޮށްފަ އެވެ. އަދި އޭނާގެ ޑީއެންއޭ ޓެސްޓް ހަދައި މިއީ ހަމަ އެ ކުއްޖާކަން ޔަގީންކުރުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ވިޝްނޫއަށް މީގެ ހަތް އަހަރު ކުރިން ކޯޓުން ހުކުމްކުރީ އޭރު ޓީންއޭޖް އުމުރުގެ އަންހެންކުއްޖާ ވަގަށް ނަގައި މަރާލި ކަމަށް ސާބިތުވެގެންނެވެ.

މިހާރު ބޮޑު އަންހެނަކަށް ވެފައި ހުރި މިމީހާގެ ބައްޕަ ބުނި ގޮތުގައި މިއީ އޭނާގެ ދަރިފުޅުކަން އޭނާއަށް ޔަގީނެވެ.

ނަމަވެސް މީގެ ހަތް އަހަރު ކުރިން ހަމަ މި މީހާ ވަނީ އާގްރާއިން ފެނުނު ކާކުކަން ނޭނގޭ މީހެއްގެ މަރުވެފައި އޮތް މަސްގަނޑެއް ފުލުހުން ދެއްކުމުން އެއީ އޭނާގެ ދަރިފުޅުގެ މަސްގަނޑުކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

ވިޝްނޫއަށް ހުކުމް އައީ މި މީހާގެ ހެކިބަހުން އެއީ އޭނާގެ ވަގަށް ނަގައި މަރާލާފައިވާ ދަރިކަން ސާބިތުވެގެންނެވެ. ނަމަވެސް އޭރުއްސުރެ ވެސް ވިޝްނޫގެ މަންމަ ސުނީތާއަށް އޭނާގެ ދަރިފުޅުގެ ކުށެއް ނެތްކަން ޔަގީންވެ އެވެ. އަދި އަންހެންކުއްޖާ މަރުނުވާކަން ވެސް އޭނާއަށް ޔަގީންވެ އެވެ. ނަމަވެސް އޭނާގެ އަތުގައި އޭރު އެއްވެސް ހެއްކެއް ނެތުމުން ކުރާނެކަމެއް ނެތިފައި ހުރީ އެވެ.

އެ އަންހެންކުއްޖާ ހަތަރަސް އަވަށުގައި ދިރިއުޅޭކަން ވިޝްނޫގެ މަންމައަށް އެނގުނީ ދާދިފަހުންނެވެ. އެނގުމާއެކު ފުލުހުންނަށް ޝަކުވާ ހުށަހަޅައި ފުލުހުން މެދުވެރިކޮށް އެކުއްޖާ ހޯދީ އެވެ.

އަންހެންކުއްޖާ ފެނުނީ މީހަކާ އިނދެގެން ދެ ދަރިން ވެސް ލިބިގެން ހަތަރަސް އަވަށުގައި ދިރިއުޅެނިކޮށެވެ. އަދި މި އަންހެންމީހާ މިހާރު ވަނީ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ހަތް އަހަރު ކުރިން ވީ ކިހިނެއް؟

ދިހަ ވަނަ ކުލާހުގައި ކިޔަވާ އަންހެންކުއްޖެއް ގެއްލިގެން އޭނާގެ މައިންބަފައިން ފެބްރުއަރީ 17، 2005ގައި ގޮންޑާ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރި އެވެ. މި އަންހެންކުއްޖާ ގެއްލުމުގައި އެ އަވަށުގައި އުޅޭ ވިޝްނޫ ނަމަކަށް ކިޔާ ޒުވާނެއްގެ އަތެއް އޮވެދާނެކަމަށް ނިންމައި އޭނާއާ މެދު ޝައްކުގެ ނަޒަރަކުން އެންމެން ވެސް ބަލަން ފެށި އެވެ.

އަންހެންކުއްޖާ ގެއްލުނު މައްސަލަ ބަލަމުންދާތާ އެތައް މަހެއް ވީއިރުވެސް އަންހެންކުއްޖާ އާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންނަކަށް ނުލިބުނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން މަރާލާފައިވާ އަންހެންކުއްޖެއްގެ ކުނިވެފައިވާ މަސްގަނޑެއް އާގްރާއިން ފެނުނެވެ. އަދި އެކުއްޖާ ލައިގެން އޮތް ހެދުމަށް ބަލާފައި އެއީ އެމީހުންގެ ދަރިފުޅު ކަމަށް އަންހެންކުއްޖާގެ ބައްޕަ ފުލުހުންނަށް ހެކިބަސް ދިނެވެ. އަދި އަންހެންކުއްޖާ މަރާލިކަމުގެ ތުހުމަތު ވިޝްނޫއަށް ކުރަން ފެށި އެވެ.

ސެޕްޓެމްބަރު 25، 2005ގައި ވިޝްނޫ އާ ދެކޮޅަށް ދައުވާކުރި އެވެ. އަންހެންކުއްޖާ ވަގަށް ނަގައި މަރާލިކަމުގެ ދައުވާ އެވެ. ވަގުތުން ވިޝްނޫ ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިނިވަންވި އެވެ. ނަމަވެސް އޭގެ ފަހުން ދުވަސްކޮޅެއް ނުވަނީސް އަނެއްކާވެސް އޭނާ ހައްޔަރުކުރީ އެވެ.

އޭރުއްސުރެ ވިޝްނޫގެ އާއިލާއިން މި އަންހެންކުއްޖާ ވީނުވީއެއް ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ.

ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ވިޝްނޫއަކީ ތަކުރާރުކޮށް ކުށްކުރަމުންދާ ޕްރޮފެޝަނަލް ކްރިމިނަލް އެކެވެ. އެގޮތުން 2015ގައި އާގްރާގައި އޭނާ ކުށެއް ކުރަން އުޅުނުއިރު މި އަންހެންކުއްޖާ އޭނާއާއެކު ގެންދިޔަ ކަމަށް ވިޝްނޫ އެއްބަސްވެ އެވެ. ނަމަވެސް ވިޝްނޫ ޖިނާއީ ކުށްތަކެއް ކުރުމަށްފަހު ފުލުހުންނަށް ދުވެ ފިލީ އަންހެންކުއްޖާ އެތަނުގައި ބަހައްޓާފަ އެވެ. ދަނޑިވަޅު ބަލައި އަންހެންކުއްޖާ ވެސް އޭނާގެ ލޯބިވެރިޔާއަށް ގުޅައިގެން ގެނެސް އޭނާއާއެކު ފިލީ އެވެ.

އަންހެންކުއްޖާ ވަގަށް ނަގައި މަރާލިކަމުގެ ތުހުމަތުގައި ވިޝްނޫ ހައްޔަރުކުރުމުން އޭނާ ވަނީ އެ ކުށަށް އިއުތިރާފުވެފަ އެވެ.

މި މައްސަލައިގައި އަދިވެސް ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. މީގެން އެންމެ މުހިއްމު ސުވާލަކީ އަންހެންކުއްޖާ މަރާލިކަމަށް ވިޝްނޫ އެއްބަސްވީ ކީއްވެ ހެއްޔެވެ؟ އަދި އޭނާ ވިޝްނޫ އާއެކު ދާ ވާހަކަ އަންހެންކުއްޖާ އޭނާގެ އާއިލާގެ މީހުން ކައިރީގައި ބުނި ހެއްޔެވެ؟ އަންހެންކުއްޖާގެ އާއިލާގެ މީހުންނަށް އޭނާ ދިރިހުރިކަން އެނގޭ ހެއްޔެވެ؟ އެނގޭނަމަ ހަތް އަހަރު ވީއިރުވެސް އާއިލާގެ މީހުނާ ބައްދަލުކުރަން އޭނާ ނައިސް ހުރީ ކީއްވެ ހެއްޔެވެ؟

މިހާރު 23 އަހަރު ފުރިފައިވާ މި ޒުވާން އަންހެންމީހާ ފުލުހުން ހައްޔަރުކޮށް ސުވާލުކުރަން ވަނީ ފަށާފަ އެވެ. މިކަން ވެގެން އުޅޭ ގޮތެއް އެނގޭނީ މި ކުއްޖާގެ ވާހަކަތަކުންނެވެ.