އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަށް ރާއްޖޭގެ ދެ މަޝްރޫއަކަށް ލޯނު ހޯދަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި މިމަހުގެ 15 އިން 19 އަށް ބޭއްވި އޭއައިއައިބީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ޑރ. މުއިޒް ވިދާޅުވީ، އޭއައިއައިބީއާއެކު ބޭއްވި ބައްދަލުވުންތަކުގައި ރާއްޖޭގައި ހިންގަން ޕްލޭންކޮށްފައިވާ ދެ މަޝްރޫއަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެއީ މާލޭގައި ސްޕޯޓް ސިޓީއެއް ގާއިމްކުރުމުގެ މަޝްރޫއާއި ހުޅުމާލޭގައި ހިންގާ ބައެއް އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ކަމަށެވެ.
ބޭންކުގެ ބައެއް މަސައްކަތްތައް ފަށައިގަތުމުގެ ގޮތުން ޗައިނާގެ ރައީސް ޝީޖިން ޕިން ވަނީ އެ ބޭންކަށް 50 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެދެއްވާފައެވެ. ޕްރޮޖެކްޓް ތަކަށް ލޯނު ދޫކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރަން އޭއައިއައިބީން މިހާރު ފަށާފައިވާއިރު، މި އަހަރު ތެރޭގައި މާލަސްތަކެއް ނުވެ އެ ބޭންކުން ލޯނު ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފައިސާ ހޯދަން ބޭނުންވާ ވަރަށް ގިނަ މަޝްރޫއުތައް އެބަހުރި. އެހެން ނަމަވެސް މައިގަންޑު ދެ ކަމެއް އަޅުގަނޑުމެން މިފަހަރު ހުށަހެޅީ. އެއީ ރައީސްގެ އިރުޝާދުގެ ދަށުން އަޅުގަނޑު ހުށަހެޅި ދެ ހުށަހެޅުމެއް. މާލޭގެ ސްޕޯޓް ސިޓީ ގާއިމްކުރުމުގެ ޕްރޮޖެކްޓާއި ހުޅުމާލޭގެ އެކި އިންފްރާސްޓްރަކްޗާ ބައެއް މަޝްރޫއު އޭއައިއައިބީ އާ އަޅުގަނޑުމެން މިވަނީ ހިއްސާކޮށްފަ. އެ މަޝްރޫއު ތަކާ ބެހޭ ހުރިހާ ޑޮކިއުމަންޓްތަކާއި މައުލޫމާތު އެބޭފުޅުންނަށް އަޅުގަނޑު ދެއްވިން،" މިނިސްޓަރު މުއިޒް ވިދާޅުވި އެވެ.
ޗައިނާގެ މާލީ އެހީތެރިކަމާ އެކު ރާއްޖޭގައި މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރު ވަނީ އެ ގައުމުގެ މިނިސްޓާ އޮފް ކޮމާސް އާއި ބައްދަލުކުރައްވާފަ އެވެ. އަދި ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަޅާ ކުންފުނީގެ ރައީސް ޗެން ފެންޖިއާން އާއި ވެސް މިނިސްޓަރު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ބްރިޖްގެ މަސައްކަތް ސީސީސީސީ އިން ޝެޑިއުލް ކޮށްފައިވާ ގޮތާ ބެހޭ މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ބްރިޖްގެ މަސައްކަތް ސީސީސީސީ އިން ކުރައްވަމުން ގެންދަވަނީ އެ ކުންފުނީގެ ރައީސް ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އެއީ މިހާތަނަށް އެ ކުންފުނިން ހިންގި އެއްވެސް ޕްރޮޖެކްޓަކަށް ނުދޭ ވަރުގެ އަހައްމިއްޔަތުކަމެއް ކަމަށް ކުންފުނީގެ އިސް ވެރިންވެސް ފާހަގަކުރެއްވާފައިވާތީ، ބްރިޖްގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކާމިޔާބު ކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.