މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

އެމްކިއުއޭގެ އިރުޝާދު: ގަބޫލުނުކުރާ ސަނަދުތަކަށް ސަމާލުވޭ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުނުކުރާ ކަމަށް އާއްމުކޮށް އިއުލާންކޮށްފައިވާ ސަނަދުތަކުގެ މައުލޫމާތު ތަފާތު ގޮތްގޮތަށް އިޝްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީ އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގައި މަތީތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ އެމްކިއުއޭ އަށް ގާނޫނީ ގޮތުން ހަވާލުކުރެވިފައިވާ ޒިންމާއެކެވެ. އެހެންކަމުން ދަރިވަރުން ހާސިލްކުރާ ސަނަދުތަކަކީ އެމްކިއުއޭ ގަބޫލުކުރާ ސަނަދުތަކެއްތޯ ބެލުމަށް އަބަދުވެސް އެމްކިއުއޭ އިން ދަނީ އިރުޝާދު ދެމުންނެވެ.

އެމްކިއުއޭގެ އިއުލާންގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ހާސިލްކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ އެ އޮތޯރިޓީ އަށް ހުށަހަޅައިގެން އެ އޮތޯރިޓީން ގަބޫލުކޮށް، އެކަމަށް ހާއްސަ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭނެ ކަމަށެވެ.

ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ދިނުމުގައި ބަލައިގަންނަނީ އެމްކިއުއޭ އިން ގަބޫލުކޮށްފައިވާ ސަނަދު ކަމަށްވާތީ ސަނަދުތައް ގަބޫލުކުރޭތޯ ވަކިން ބޮޑަށް ސަމާލުވުމަށްވެސް އެދިފައިވެ އެވެ.

އެމްކިއުއޭއިން މިފަދަ އިއުލާނެއްކޮށްފައި މިވަނީ ތިން މީހަކު އެމީހުންގެ ޕީއެޗްޑީ ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ. މީގެ ހައެއްކަ މަސް ކުރިން މި މީހުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަތުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް އަމުރު ކޮށްދިނުމަށެވެ. މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ.