މޯލްޑިވިއަން

ގައުމީ އެއާލައިނުން އެކްސެސް ބެގޭޖުގެ ފީ ބޮޑުކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އެކްސެސް ބެގޭޖަށް ނަގަމުންދާާ ފީ މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކުރި ނަމަވެސް ދަތުރުކުރެވޭ ދުރުމިނުގެ ގޮތުން އަގުތައް ތަފާތު ވާނެ ކަމަށެވެ.

"އެކްސެސް ބެގޭޖުގެ ފީ ބޮޑުކޮށްފައި ވަނީ ދަތުރު ކުރެވޭ ދުރުނިމަށް ބަލާފައި،" ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކުރީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމުންނެެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގާ މިންވަރު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މިހާރު ހަ އިންސައްތައިގައި ނަގަމުން އަންނަ ޖީއެސްޓީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަގާނީ އަށް އިންސައްތައިގަ އެވެ. މިހާރު 12 އިންސައްތައިގައި ނަގަމުން އަންނަ ޓީޖީއެސްޓީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ނަގާނީ 16 އިންސައްތައިގަ އެވެ.