ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވައިލައި އާންމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މި ގަވައިދަކީ ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމަށް ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި، ތަރައްގީކޮށް ނުނިމި ހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމަށާއި، ތަރައްގީކޮށް ނިމި ހިންގަން ފަށައިފައިވާ ތަންތަން މަރާމާތުކުރުމުގައި ނުވަތަ އާބާތުރަފިލުވުމުގައި ލުއިދިނުމުގެ ގޮތުން ކުލި ފަސްކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވައިދެވެ.
ގަވައިދުގައިވާ ގޮތުން ލުއި ދެވޭނެ ގޮތްތައް
- ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް އިތުރު މުއްދަތެއް ދިނުން
- އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކައި އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން
- ހިންގަމުންގެންދާ ތަނެއް، އަލުން ތަރައްގީކުރުމަށް ބަންދުކުރާ މުއްދަތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން
މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނެ ގޮތްތައް:
- ކޮންސްޓްރަކްޝަން ޕީރިއަޑުގައި ތަން އެއްކޮށް ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން
- ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާނަމަ، މަދުވެގެން އެއް ފޭސް، ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން
- ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ގޮތުގައި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްގީކޮށް ނިމި ހިންގަން ފަށާ ތާރީހުން ފެށިގެން ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 4 ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން ދެއްކުމަށް އެއްބަސްވުން
ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ، ހިނގަމުންދާ ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވާ ތާރީޚުން ފެށިގެން ކަމަށް ގަވާއިދުގައި ބުނެ އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ، ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ހުށަހެޅުން ބަލައިގަންނަ ތާރީހުން ފެށިގެންނެވެ.
އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް، ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ. ފަސް ކޮށްދޭ ޖޫރިމަނާ ދެއްކުމުގައި އަމަލުކުރެވިދާނެ ދެ ގޮތެއް ވެސް ގަވައިދުގައި ހިމަނާފައިވެ އެވެ.
ގަވައިދުގައިވާ ދެ ގޮތް
- ތަން ހިންގަން އޮޕަރޭޓިން ލައިސަންސް ދޭ ތާރީހުން ފެށިގެން ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، އެ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރެއްގެ ވެސް ހަތަރު ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކުން
- ރަށް ތަރައްގީކޮށް ނިމިގެން ހުޅުވާ ތާރީހުން ފެށިގެން ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރާފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު ހަތަރު ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން އަހަރަކު ތިން އިންސައްތަ ސިމްޕަލް އިންޓަރެސްޓާއެކު ކުއްޔާއި ޖޫރިމަނާ ދެއްކުން
ގަވައިދުގައި ބުނެފައިވަނީ ތަރައްގީކޮށްފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް މައާފުދެވޭނީ، ތަރައްގީކޮށް ނިމިގެން ހިންގަން ފަށާފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން ދުވާލަކަށް 0.5 އިންސައްތައިގެ ރޭޓުން ހިސާބުކޮށްފައިވާ ޖޫރިމަނާ ދުވާލަކަށް 0.049 އިންސައްތައިގެ ރޭޓުން ހިސާބުކުރުމަށްފަހު، އެއަށްވުރެ އިތުރަށް ޖޫރިމަނާ އަރައިފައިވާނަމަ އިތުރަށް އަރައިފައިވާ ޖޫރިމަނާ އަކަށެވެ.