ވައިގެމަގުން ރާއްޖެ އެތެރެކުރި 17.26 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އައި އުމުރުން 30 އަހަރުގެ ޕާކިސްތާނު މީހެއްގެ ލަގެޖުން ކަމަށެވެ.
މި މީހާއަށް ޝައްކުކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އަތުލައިގަނެވުނު ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް އެ ތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17.26 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މިބާވަތުގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިއީ ހަވަނަ ފަހަރެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 55.405 ކިލޯގެ ހެރޮއިން ކަސްޓަމްސްގެ އޮފިސަރުން ވަނީ އަތުލައިގަނެފަ އެވެ.
ކަސްޓަމްސް އިން މި މައްްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.