އެމެރިކާއާ މަޝްވަރާކުރަން ތައްޔާރު ކަމަށް ރަޝިއާ ބުނެފި އެވެ.
ވޮޝިންގްޓަންގައި ހުންނަ ރަޝިއާގެ އެމްބަސީން ބުނާ ގޮތުން މަޝްވަރާތައް ކުރެވެން އޮތީ ރަޝިއާގެ ސަލާމަތާއި ރައްކާތެރި ކަމަށް ރިއާޔަތްކުރުމަށް ފަހު އެވެ.
އެމެރިކާއާ މަޝްވަރާކުރަން އޮތް ހަމައެކަނި ޝަރުތަކީ ވެސް އެއީ ކަމަށް އެމްބަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްބަސީން ބުނާ ގޮތުން ރަޝިއާގެ އެދުމަކީ އެމެރިކާ ސަރުކާރުން ތެދުވެރިކަމާ އެކު މަސައްކަތް ކުރުމެވެ. އަދި ރަޝިއާގެ މަސްލަހަތަށް އިހުމާލު ނުވުމަކީ ވެސް އިލްތިމާސެއް ކަމަށް ރަޝިއާ ބުނެ އެވެ.
ރަޝިއާގެ މަސްލަހަތު ފުށުއަރުވައި ވޮޝިންޓަންގެ ޚާރިޖީ ސިޔާސަތު ވިސްނުންތެރިކަމެއް ނެތި ތަންފީޒުކުރަން ހަދައިގެން މިހާރު ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތަކުން އެމެރިކާއަށް ބޯދަމައިގަނެވިފައި ނުވާ ކަމަށްވެސް އެމްބަސީން ބުނެ އެވެ.
ދުނިޔޭގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓިފައި އޮތީ ވެސް އެމެރިކާގެ ދޯހަޅިކަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާ އާއެކު ގުޅުން ގޯސްކުރުމަކީ ރަޝިއާ އެއްވެސް އިރެއްގައި ވިސްނާފައި އޮތް ކަމެއް -- އަދި ވިސްނާނެ ކަމެއް ވެސް ނޫން ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރުގޭ ރިޔަބްކޮފް ވެސް ވަނީ ވިދާޅުވެފަ އެވެ.
މާޒިއަށް ބަލާއިރު އެމެރިކާ އާއި ރަޝިއާ ކުނި ޖެހެނީ ދުނިޔޭގައި އެމެރިކާ އަދާކުރަން މަސައްކަތްކުރާ އެޖެންޑާގެ ސަބަބުން ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
ރަޝިއާ ބުނާ ގޮތުން އެމެރިކާއާށް ހީވަނީ ދުނިޔޭގައި އޮތް ހަމައެކަނި ބާރަކީ އެމެރިކާ ކަމަށެވެ. އެކަމަަކު އެއީ ހަގީގަތް ނޫން ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
އެމެރިކާއާ އެއްފެންވަރުގައި އަދި އެއަށް ވުރެވެސް މޮޅަށް ކުޅެން ދަންނަ ގައުމުތައް ދުނިޔޭގައި އެބަ އޮތް ކަމަށް ރަޝިއާ އިން ބުނެ އެވެ. ދުނިޔޭގައި ފުލުހެއްގެ ދައުރު އަދާކުރަން އެމެރިކާ ވިސްނުމަކީ އެމެރިކާއަށް ހެދޭ އެންމެ ބޮޑު ގޯސް ކަމަށްވެސް ރަޝިއާ ބުނެ އެވެ.
ޔުކްރޭން މައްސަލަ އަަދި ހަތިޔާރު މަދުކުރުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާ ކުރަން އެމެރިކާ އެދޭ ނަމަ ރަޝިއާގެ ސަލާމަތަށް ގޮތެއް ނިންމުމަކީ އެންމެ ފުރަތަ ޗެޕްޓަރު ކަމަށް އެމްބަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.