އެމްއެސްއެސް

އެމްއެސްއެސްއިން މަހަކު 15 ކޮންޓޭނަރުގެ މަސް އެކްސްޕޯޓް ކުރޭ

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އާއި ގައުމީ ޝިޕިން ކުންފުނި -- މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ގުޅިގެން މަހަކު 15 ކޮންޓޭނަރުގެ މަސް އެކްސްޕޯޓު ކުރާ ކަމަށް އެމްއެސްއެސްއިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްއެސްއެސްގެ ކޮމާޝަލް އެންޑް ސޭލްސް މެނޭޖަރު ތަހާ މުހައްމަދު ވިދާޅުވީ މިފްކޯ އާއި ގުޅިގެން އެ ކުންފުނިން ފެށި މަސް އެކްސްޕޯޓް ކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރިއަށްދާ ކަމަށެވެ.

މިގޮތުން މަހެއްގެ މައްޗަށް 10-15 ކޮންޓޭނަރުގެ މަސް ބޭރުގެ އެކި ގައުމުތަކަށް އެކްސްޕޯޓު ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. އެ ކުންފުނިން މަސް އެކްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑް އަދި އިންޑޮނީޝިއާ ވެސް ހިމެނެ އެވެ.

މަސް އެކްސްޕޯޓު ކުރުމުގެ މި އޮޕަރޭޝަން ފެށުމުގެ ކުރިން މަސް ފިނިކޮށްފައި ބެހެއްޓޭ 30 ކޮންޓޭނަރު ރާއްޖެ ގެންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައިވެ އެވެ. އަދި 40 ފޫޓުގެ މި ކޮންޓޭނަރު ތަކުގެ ތެރެއިން ކޮންމެ ކޮންޓޭނަރެއްގައި 25 ޓަނުގެ މަސް ބޭރު ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން އެމްއެސްއެސް އިން މަހަކު 15 ކޮންޓޭނަރުގެ މަސް އެކްސްޕޯޓް ކުރާނަމަ އެއީ 375 ޓަނުގެ މަހެވެ.


އެމްއެސްއެސް އާއި މިފްކޯ ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ މަގުސަދަކީ ފެލިވަރުގައި މަސް ރައްކާކުރުމުގެ ގާބިލްކަން ގާއިމުކުރެވެންދެން މަސްވެރިން ބާނާ މަސް ގަނެ، ބޭރުކޮށް ބޮޑު އަގު ލިބޭނެ ގޮތެއް ހޯދުމެވެ.

ބޭރުގެ ގައުމުތަކުން މުދާ އެތެރެކޮށް އަދި އެކްސްޕޯޓު ކުރުމުގައި ބޭނުންކުރުމަށް އެމްއެސްއެސް އިން ތިން ބޯޓު ގެންގުޅެއެވެ. އެއީ ކޮންޓެއިނާ އުފުލުމަށް ހާއްސަ ދެ ބޯޓާއި އެއް ބަލްކް ބޯޓެވެ.