ކަނޑުހުޅުދޫ

ދޯންޏެއްގެ ބުރަފަތީގައި ޖެހި ޑައިވަރަކަށް ބޮޑެތި ޒަހަމުތަކެއް

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ބުރަފަތީގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ޑައިވަރަކަށް ފަރުވާ ދޭން ފަށައިފި އެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ގއ. ކަނޑުހުޅުދޫ އަށް ނިސްބަތްވާ އުމުރުން 50 އަހަރަށްވުރެ ދޮށީ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ ގެލެރީ ވިޝަން ނަމަކަށް ކިޔާ ދޯންޏެއްގެ ބުރަފތީގައި އޮޅިފައި އޮތް ވަލެއް ރަނގަޅުކުރަން އުޅުމުގެ ތެރޭގަ އެވެ. އެގޮތުން މި މިހާގެ ކޮނޑުހުޅަށާއި ކަށިމަައްޗަށާއި ކަކުލަށް އެކި ވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ގއ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގް އަފީފް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަނިޔާ ލިބުނު މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގދ. ގައްދޫ ހޮސްޕިޓަލުގައި ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"އޭނާގެ ހާލު އެހާ ރަނގަޅެއް ނޫން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އިތުރު ފަރުވާ ދިނުމަށް 12:40ގައި އޮންނަ ފްލައިޓަކުން މާލެ ގެންދިއުމަށް ވަނީ ހަމަޖެހިފައި" ތޯރިގު ވިދާޅުވި އެވެ.